ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަރާބަރަށް ބޭސް ލިބުމުގައި ހުރި ދަތިތަކާއި މުވައްޒަފުންގެ ދަތިކަމުގެ މައްސަލަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މަދިރި އާއި ބަލި ފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފި މަދުކުރުމުގެ ޕްރޮގްރާމް ނިންމުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ ސިއްހީ ހިދުމަތްތައް ދޭ ތަންތަން މިހާރު ހުޅުވަން ޖެހޭ މިންވަރަށް ހުޅުވައި ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދަތިތައް ހުރި ކަމަށެވެ.
"މިކަންކަން ހައްލުކުރުމަށްޓަކައި ސަރުކާރުގެ ގުޅުންހުރި ހުރިހާ އިދާރާތަކާ މުއައްސަސާތައް ގުޅިގެން ވިސްނުންތަކެއް ނެރުމަށްޓަކައި މަސައްކަތްކުރަމުން މިގެންދަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ބައެއް ދާއިރާތަކުން މިހާރުވެސް ނަތީޖާ ފެންނަ ހިސާބަށް ދެވޭ ކަމަށާއި އެކަމުގެ ނަތީޖާ ރައްޔިތުންނަށް ފެންނަ ވަރަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސިއްހީ ހިދުމަތަކީ ފުޅާ ހިދުމަތެއް ކަމަށެވެ. އަދި ހިދުމަތް ތަރައްގީކުރުމުގައި ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް އިސްކަން ދޭން ޖެހޭ ކަމަށެވެ.