ޚަބަރު

ލަންކާގައި އުޅޭ ދިވެހިންނަށް ވިސާ ހޯދަން ދިމާވާ ދަތިތަކަށް ހައްލު ހޯދައިދޭނަން: ސަފީރު

އަހުމަދު ޖައިޝަން

ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލުހޯއްދަވައި ދެއްވުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް، ރާއްޖެއިން ސްރީލަންކާއަށް ކަނޑައެޅުއްވި އާ ސަފީރު ޢުމަރު ޢަބްދުލްރައްޒާޤް ވިދާޅުވެއްޖެ އެވެ.

ސަފީރު މިހެން ވިދާޅުވީ، ނާއިބު ރައީސް ފައިޞަލް ނަސީމްގެ އަރިހަށް މިއަދު ކުރެއްވި، އިޙްތިރާމްގެ ޒިޔާރަތުގަ އެމަނިކުފާނާ ބައްދަލު ކުރައްވަ އެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި، އާ ސަފީރު އިތުރަށް ވިދާޅުވީ ސްރީލަންކާ ގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ އެހެނިހެން ދަތިތަކަށް ހައްލު ހޯއްދަވައި ދެއްވުމަށާއި، ދިވެހީން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ރާއްޖެ އާއި ސްރީލަންކާ އާއި ދެމެދުއޮތް ސިޔާސީ ގުޅުން ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ސްރީލަންކާ ގައި ހުންނަ ރާއްޖޭގެ އެމްބަސީއިން ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމުގައި ސަފީރު ވިދާޅުވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޢުމަރު ޢަބްދުލްރައްޒާޤަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ސްރީލަންކާ އާއި ރާއްޖެއާ ދެމެދު އޮތް، ވަރުގަދަ ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި އެގުޅުން ޢުމަރު ޢަބްދުލްރައްޒާޤުގެ އެހީތެރިކަމާއެކު އިތުރަށް ވަރުގަދަވެގެން ދާނެކަމަށް އުންމީދުފުޅުކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

ނައިބު ރައީސާއި ސްރީލަންކާއަށް ކަނޑައެޅުއްވި އާ ސަފީރު ވަނީ ދެޤައުމު ގުޅިގެން މަސައްކަތްކުރެވިދާނެ އިތުރު ދާއިރާތަކާއި ބެހޭގޮތުން ވާހަކަފުޅުދައްކަވައިފައެވެ. ޚާއްޞަގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާއިންނާއި ވިޔަފާރީގެ ދާއިރާއިން ދެޤައުމަށް ފައިދާވާނެ ގޮތްތަކާމެދު މަޝްވަރާކުރެއްވިއެވެ.