އަތޮޅުތެރޭގައި 200 އަށްވުރެ ގިނަ އެކްޓިވް ކޭސް ހިމެނޭ ކަމަށް އެޓޯލް ޕްރިޕެއާޑްނަސްގެ ފަރާތުން އަބްދުﷲ މައުރޫފް ވިދާޅުވެއްޖެއެވެ.
ކޮވިޑް ކޭސްތަކާ ގުޅިގެން މިމަހުގެ ތެރޭގައި ގިނަ ރަށްތަކެއް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. މިވަގުތު މޮނީޓަރިންގެ ހާލަތުގައި އޮތީ ނ. ޅޮހި، އދ. ފެންފުށި، އއ. ތޮއްޑޫ، ދ. ކުޑަހުވަދޫ، ރ. އުނގޫފާރު، ފ. ނިލަންދޫ އަދި ދ. މީދޫއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުރޫފް ވިދާޅުވީ މިދުވަސްވަރަކީ މިފަހަކަށް އައިސް އަތޮޅުތެރެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ދުވަސްވަރު ކަމަށެވެ.
"އެކްޓިވް ކޭސްގެ ގޮތުގައި އަތޮޅުތެރެއިން އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބަހުރި 207 ފަރާތެއް. އަދި ހަމަ އެހެންމެ އަޅުގަނޑުމެންނަށް ހަތް ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެވި، ހާއްސަކޮށް އެކިއެކި ބޭނުންތަކަށް ހިދުމަތް ހޯދަންދާ ބޮޑެތި ރަށްތައް ހިމެނޭ. އޭގެ ތެރޭގައި އުނގޫފާރު އަދި ކުޑަހުވަދޫ ފަދަ ރަށްރަށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާކަން،" އޭނާ ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ ރ. އުނގޫފާރާއި ދ. ކުޑަހުވަދުއަށް ބަލި ފެތުރުމާ ގުޅިގެން އެ ދެ ރަށަށް ދަތުރުކުރި މީހުން ހޯދުމަށް ކުރި މަސައްކަތުން އެހެން އަތޮޅުތަކުގެ ރަށްތަކުން ވެސް އެ ދެ ރަށަށް ގިނަ އަދަދެއްގެ ބަޔަކު ދަތުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެމީހުން މިވަގުތު ތިބީ ކަރަންޓީނުގައި ކަމަށެވެ. އަދި ކުޑަހުވަދުއަށް ދަތުރުކުރި ދ. މީދޫ މީހަކު މިއަދު ޕޮޒިޓިވްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.