ހއ. ބާރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު 36 އަށް އަދި އެ އަތޮޅު ދިއްދޫން ޕޮޒިޓިވްވި މީހުންގެ އަދަދު 15 އަށް އަރައިފިއެވެ.
ބާރަށުން ޕޮޒިޓިވް ކޭސްއެއް ފެނިގެން އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އަދި ދިއްދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓޯލް ޕްރިޕެއާޑްނަސްގެ ފަރާތުން އަބްދުﷲ މައުރޫފް ވިދާޅުވީ ބާރަށުން ޕޮޒިޓިވްވި މީހުންނާ ގުޅިގެން ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް 217 މީހަކު ފާހަގަކުރެވިފައިވާ ކަމަށެވެ.
"މިވަގުތު އަތޮޅުތެރޭގެ ގިނަ ރަށްރަށެއްގައި މިދަނީ ގިނަ ކޭސްތަކެއް ފެންނަމުން. އެގޮތުން ހއ. ބާރަށުގައި މިހާތަނަށް ޖުމުލަ 36 ފަރާތެއް ޕޮޒިޓިވްވެ، އަދި ޕޮޒިޓިވްވި ފަރާތްތަކާ ގުޅިގެން 217 ކޮންޓެކްޓެއް ވަނީ ފާހަގަކުރެވިފައި. އެއާއެކު އަޅުގަނޑުމެން 240 ސާމްޕަލެއް ވަނީ ނެގިފައި،" އޭނާ ވިދާޅުވިއެވެ.
މައުރޫފު ވިދާޅުވީ މިހާތަނަށް ދިއްދޫން 15 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އެމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 26 މީހަކު ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ ރަށްތަކުގެ އިތުރުން މިމަހުގެ 12 ވަނަ ދުވަހު މޮނީޓަރިންގެ ހާލަތަށް ގެނައި އދ. ފެންފުށިން ވެސް ދެ މީހަކު ވަނީ ޕޮޒިޓިވްވެ، ކޮންޓެކްޓުންގެ ގޮތުގައި 19 މީހަކު ވަނީ ފާހަގަކުރެވިފައެވެ. އަދި މިމަހުގެ 15ގައި މޮނީޓަރިންގެ ހާލަތަށް ގެނައި އއ. ތޮއްޑޫން ވެސް ހަތް މީހަކު ޕޮޒިޓިވްވެ، 39 ކޮންޓެކްޓުން ހިމެނެއެވެ.
ކޮވިޑް ކޭސްތަކާ ގުޅިގެން މިމަހުގެ ތެރޭގައި ގިނަ ރަށްތަކެއް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެއީ ނ. ޅޮހި، އދ. ފެންފުށި، އއ. ތޮއްޑޫ، ދ. ކުޑަހުވަދޫ، ރ. އުނގޫފާރު، ފ. ނިލަންދޫ އަދި ދ. މީދޫއެވެ.