ޝަހީދާ އަބްދުﷲ ސައީދު
ރައްޔިތުންގެ މަޖިލިސް ސަލާމަތްކުރުމަށް މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މަސައްކަތް ފައްޓަވާފައިވާއިރު، ގާސިމްއާ އެކު ކުރިއަށްދާން ތިބި ކަމަށް މިހާރު ޕީއެންސީއާ ގުޅިވަޑައިގެންފައިވާ، ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލު ވިދާޅުވެއްޖެ އެވެ.
''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ޑރ. ޚަލީލު ވިދާޅުވީ އެމްޑީޕީ އަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނުލިބޭނެ ކަމަށާއި ރައްޔިތުން އެގޮތައް ބޭނުން ނުވާކަމަށެވެ. އަދި އެމްޑީޕީގެ އަނިޔާވެރިކަން ރައްޔިތުން މީގެކުރިންވެސް ތަޖުރިބާކޮށްފި ކަމަށާއި މިހާރުވެސް އެ އަނިޔާވެރިކަން އަނބުރާ ރުޖޫއަ ވަމުންދާކަމަށް ޑރ. ޚަލީލު ވިދާޅުވިއެވެ.
އެހެންކަމުން މަޖިލިސް ސަލާމަތް ކުރުމަށް ގާސިމް އިބްރާހީމް މިހާރު ކުރައްވަމުންދާ މަސައްކަތުގައި ގާސިމް އާއެކު ހުންނަވާނެ ކަމަށް ހަލީލު ވިދާޅުވިއެވެ.
މީގެއިތުރުން ޑރ.ޚަލީލު މިއަދު ކުރެއްވި ޓުވީޓެއް ގައި ވިދާޅުވެފައި ވަނީ އެމްޑީޕީގެ އިތުބާރެއް ނެތް ކަމަށެވެ.
''އަނިޔާވެރި ވަކިތަކުން ރައްޔިތުންގެ މަޖިލިސް ސަލާމަތްކުރުމަށް ގާސިމް އިބްރާހީމް ފެއްޓެވި ދަތުރުފުޅުގައި އަޅުގަނޑުމެން މިތިބީ އެމަނިކުފާނާއި އެމަނިކުފާނުގެ ޕާޓީއާއެކު. ރައްޔިތުން އެދޭ މަޖިލީހެއް ރައްޔިތުން ހޮވާނީ. އަދި ރައްޔިތުން އެމްޑީޕީއަށް މެޖޯރިޓީއެއް ނުދޭނެ.'' ޑރ. ޚަލީލު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
ޑރ. ޚަލީލު މިފަދައިން ވިދާޅުވިއިރު ފަހަކަށް އައިސް ރައީސް ޔާމީންގެ ދިފާއުގައި ގާސިމް އިބްރާހީމް ގެންދަވަނީ ވާހަކަފުޅު ދައްކަވަމުންނެވެ. އަދި ޖުމްހޫރީ ޕާޓީގެ ޖަލްސާތަކުގައިވެސް ގާސިމް ގެންދަވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށްބޮޑަށް ފާޑުވިދާޅުވަމުންނެވެ.