ޚަބަރު

މޫދަށް އެރިއުޅުމުގައި ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި

އަހުމަދު ޖައިޝަން

މޫދަށް އެރި އުޅުމާއި، މޫދުގައި އެކި އެކި ކުޅިވަރުގެ ހަރަކާތްތައް ހިންގުމުގައި ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއް ގައި ބުނެފައި ވަނީ މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، މޫދުގައި ހިނގާ ހިތާމަވެރި ހާދިސާތައް ރިޕޯޓްކުރެވޭ މިންވަރު އިތުރު ވެފައިވާ ކަމަށެވެ.

އެހެންކަމުން ފަތުރުވެރިންނާއި ކުޑަކުދިންގެ އިތުރުން، ދުވަސްވީ މީހުން މޫދަށް އެރި އުޅުމުގައި ރައްކާތެރި ކަމާއެކު އިތުރަށް ފަރުވާތެރިވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އިރުވައި މޫސުމުގެ އޮއިވަރު ބާރު ދުވަސްވަރެއްކަމުން ކުޑަކުދިންނާއި ފަތަން ނޭނގޭ ފަރާތްތަކުން، މޫދަށް އެރި އުޅުމުގައި ވަރަށް ބޮޑަށް ފަރުވާތެރި ވުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.

މޫދަށް އެރި އުޅުމުގައި ދިމާވާ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރަމުން ގެންދާ ކަމަށް ފުލުހުން ބުންޏެވެ.

މޫދަށް އެރި އުޅެނިކޮށް ގެނބިގެން އިއްޔެ ވަނީ ރަޝިއާގެ ފަތުރުވެރިޔަކު މަރުވެފައެވެ. އަދި ޕާކިސްތާނު ފަތުރުވެރިޔަކުވެސް އިއްޔެ ގެނބިފައިވާއިރު އޭނާގެ ހާލު އަންނަނީ ރަނގަޅު ވަމުންނެވެ.