ހުޅުމާލެ ފޭސް ދޭއްގައި ސޯޝަލް ހައުސިންގް މަޝްރޫއުގެ ދަށުން އިމާރާތް ކުރަމުންދާ ހަތްހާސް ފްލެޓް މަޝްރޫއު ގައި ހިިމެނޭ ފްލެޓްތައް ތިން ކޮޓަރީގެ ފްލެޓް ތަކަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަަމަށް ހައުސިންގް މިނިސްޓްރީން ބުނެފި އެވެ.
ފޭސް ދޭއްގައި އިމާރާތް ކުރަމުންދާ، ހަތްހާސް ފްލެޓަކީ ކުރީގެ ރައީސް އަބުދުﷲ ޔާމީން ގެ ސަރުކާރުން ސޯޝަލް ހައުސިން އަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ "ހިޔާ" މަޝްރޫއުގެ ދަށުން ފެށި މަސައްކަތެކެވެ. މި ހަތްހާސް ފްލެޓްގައި މުޅިންވެސް ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓް ތަކެވެ.
ހައުސިން މިނިސްޓްރީ ގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން މިއަދު "ވަން އޮންލައިން" އަށް ވިދާޅުވީ އެ ފްލެޓް ތަކަކީ އިންސާނުން އުޅެން ކަމުދާފަދަ ގޮތަކަށް ހުރި ތަންތަން ނޫން ކަމަށާއި އެއަށްވުރެ އެތަންތަނުގެ ޖާގަ މާ ކުޑަ ކަމަށެވެ.
" އެއީ އެއް ގޮތަކަށްވެސް އިންސާނުން އުޅެން ކަމުދާގޮތަށް ހުރި ތަންތަނެއްނޫން، އެތަނުގައި ހަފޫޓު ހަފޫޓުގެ އެނދެއް ބައިންދައިފިއްޔާ، އަލަމާރިއެއް ބެއިންދޭވަރެއްވެސް ނުވޭ. އެ ހަތްހާސް ފްލެޓަށް ބަލާއިރު މިހާރު ހަމަޖެހިފައިވާގޮތުން ކޮންމެ ފްލެޓް އިމާރާތަކީ ރައްޔިތުންގެ މަޖިލީހުގެ ދާއިރާއެއް" ޝާމިން ވިދާޅުވި އެވެ.
އެހެންކަމުން ޝާމިން ވިދާޅުވީ، އެތަނުގެ ކޮންމެ ދެ އެޕާޓްމަންޓެއް އެއްކޮށްލައިގެން އެ، އެޕާޓްމަންޓް ތައް ތިން ކޮޓަރީގެ އެޕާޓްމަންޓް ތަކަށް ބަދަލު ކުރުމަށް ނިންމައި، މިނިސްޓްރީން އެކަންކަން ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހިއްސާ ކޮށްފައިވާނެ ކަމަށެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "މިހާރު" ނޫހަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވެފައިވަނީ، ހަތްހާސް ފްލެޓް މަޝްރޫގެ ދެ ކޮޓަރީގެ ފްލެޓެއްގެ ބޮޑު މިނަކީ 550 އަކަފޫޓް ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ފްލެޓްތައް ތިން ކޮޓަރި އަށް ބަދަލުކުރަން ނިންމާފައިވާކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ސުހެއިލް ވިދާޅުވެފައިވާ ގޮތުގައި، މި މަޝްރޫގައި 25 ބުރީގެ 16 ޓަވަރު، އިމާރާތް ކުރަން ނިންމާފައިވާއިރު 10 ޓަވަރެއްގެ ސްޓްރަކްޗާ މިހާރު ނިންމައި އެތެރެއިން ރާނަން ފަށާފައިވާ ކަމަށެވެ. އެހެންކަމުން ތިން ކޮޓަރި އަށް ބަދަލުކުރެވެން އޮތީ ސްޓްރަކްޗާ އެއްކޮށް ނުނިންމައި އަދި އެތެރެއިން ރާނަން ފަށާފައި ނުވާ ޓަވަރުތަކުގައި ހިމެނޭ ފްލެޓްތަކެވެ.
އެޗްޑީސީ އަށް 7.5 ބިލިއަން ރުފިޔާގެ ބޮޑު ލޯނެއް ނަގައިގެން ހިންގާ މި މަޝްރޫގައި، ފްލެޓްތައް ދޫކުރަން، ކުރީ ސަރުކާރުން ހަމަޖައްސާފަ އޮތީ، ތަށިމުށި ނުޖަހައި ދޮރުނާރުވަ އެވެ.
ސުހެއިލް ވިދާޅުވެފައިވާގޮތުގައި ސޯޝަލް ހައުސިން މަޝްރޫއެއްނަމަ ފްލެޓްގައި އެކަންކަން ހިމެނެންޖެހޭނެ އެވެ. އަދި އެ ހުރިހާކަމެއް ހިމަނައިގެން ފްލެޓްތައް ނިންމައި އާއްމުންނާ ހަވާލު ކުރާނަމަ މިހާރު ނަގާފައިވާ ލޯނަށް އިތުރު 42 މިލިއަން ޑޮލަރު (647 މިލިއަން ރުފިޔާ) ބޭނުންވެ އެވެ.
ލޯނަށް ބަލައި ފްލެޓުގެ އަގު ހޯދާ ނަމަ ކޮންމެ ފްލެޓެއް ދޫކުރެވޭނީ، މަހަކު އެގާރަހާސް ރުފިޔާ އަށެވެ. މިއީ ކުރީ ސަރުކާރުން އެންމެ ފަހުން ދޫކުރި ފްލެޓްތަކަށް މަހަކު ދައްކަން ޖެހޭ ހަހާސް ރުފިޔާ އަށް ބަލާ ނަމަ ބޮޑު އަދަދެކެވެ.
އެހެންކަމުން އެގާރަހާހަށް ވުރެ ހެޔޮ އަގެއްގައި 7000 ފްލެޓް މަޝްރޫއުން ފްލެޓް، ދޫކުރެވޭނީ، ސުހައިލް ވިދާޅުވެފައިވާ ގޮތުގައި، ސަރުކާރުން ސަބްސިޑީ ދީގެންނެވެ.
ހައުސިން މިނިސްޓްރީގެ ޑިޕިއުޓީ މިނިސްޓަރުވެސް ވަނީ އެކަން ފާހަގަ ކުރައްވައިފަ އެވެ.
ޑިޕިއުޓީ މިނިސްޓަރު ޝާމިން ވިދާޅުވީ، ސަރުކާރުން ފްލެޓްތައް، ދޫކުރާނީ ރައްޔިތުންނަށް އެތަނުގައި އުޅެވޭ ވަރު ކޮށްފަ އެވެ. އަދި އެކަންކަން ކުރުމަށް އިތުރު ހަރަދުތަކެއް ދާނެ ކަމަށާއި، އެހެންކަމުން ސަރުކާރުން ޖެހޭނީ ސަޕްސިޓައިސް ކުރަން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.