ޚަބަރު

މާލެ ސަރަހައްދުގެ ކެފޭތަކުން ރޭގަނޑު 10:30 ވަންދެން ހިދުމަތް ދެވޭނެ ގޮތަށް ހަދައިފި

މާލެ ސަރަހައްދުގެ ކެފޭ/ ރެސްޓޯރެންޓުތަކުން ރޭގަނޑު 10:30 ވަންދެން ހިދުމަތް ދެވޭނެ ގޮތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސައިފި އެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވުމާ ގުޅިގެން ކެފޭ އަދި ރެސްޓޯރެންޓްތައް ރޭގަނޑު 8:00 އިން ފެށިގެން ބަންދު ކުރަން އެޗްޕީއޭ އިން ކުރިން ވަނީ އަންގައިފަ އެވެ. ނަމަވެސް ރޭގަނޑު 10:30އާ ހަމައަށް ޑެލިވަރީގެ ހިިދުމަތް ދެވެއެވެ.

އެޗްޕީއޭ އިން އެގޮތަށް ނިންމުމާ ގުޅިގެން ކެފޭ އަދި ރެސްޓޯރެންޓްގެ ހިދުމަތްދޭ ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި ބައެއް ވިޔަފާރިތައް ބަނގުރޫޓް ވަމުން އަންނަ ކަމުގެ ޝަކުވާތައްވެސް ދަނީ ކުރަމުންނެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކޮށްފައިވާ އެންގުމުގައި ބުނެފައިވަނީ, މާލެ އާއި ހުޅުމާލެ އާއި ވިލިނގިއްޔާއި ތިލަފުށި އަދި ގުޅީފަޅުގައި ހިންގޭ ކެފޭ, ހޮޓާ, ރެސްޓޯރެންޓު ފަދަ އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ ހުރިހާ ތަންތަނުން ހިދުމަތް ދިނުން ރޭގަނޑު 10:30 އާ ހަމައަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ.

އަދި އެ އެންގުމަށް އަމަލުކުރަން ފެށުމުން ކެފޭ/ ރެސްޓޯރެންޓުތައް ރޭގަނޑު 8:00 އިން ފެށިގެން ބަންދުކުރަން ނިންމި އެންގުން ވަނީ ބާތިލުކޮށްފަ އެވެ.