ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، (އެސްޓީއޯ)ގެ ޗެއާމަންކަމުން ހުސެއިން ސާލިމް މުހައްމަދު އިސްތިއުފާދެއްވައިފި އެވެ.
ސާލިމް އެސްޓީއޯގެ ޗެއާމަންކަމުން އިސްތިއުފާދެއްވިކަން އޭނާ ވަނީ ދާދި ދެންމެ "ވަން އޮންލައިން"އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
އެމްޑީއޭގެ ލީޑަރު، އަހުމަދު ސިޔާމް މުހައްމަދުގެ އެއްބަނޑު އެއްބަފާ ކޮއްކޮ، އަދި އެމްޑީއޭގެ ގައުމީ ކައުންސިލްގެ މެންބަރު ސާލިމް ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވަން ނިންމަވައިފައިވާތީ އެ ފަދަ މަގާމެއްގައި ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އަމިއްލަފުޅަށް ގަބޫލު ނުކުރެއްވޭތީ ކަމަށެވެ.
"އެސްޓީއޯ ފަދަ ތަނެއްގެ ޗެއާމަންއަކީ ތަނަށް އެކަށީގެންވާ ވަގުތު ދެވޭ މީހަކަށް ވާން ވާނެ. އަދި ހަމަ އެހެންމެ މަޖިލީހަށް އަޅުގަނޑު ކުރިމަތިލާން ނިންމައި އެކަމަށް މަސައްކަތް ފަށާއިރު އެ މަގާމުގައި ހުރުމުން އޭގެން އެސްޓީއޯއާ މެދު ރައްޔިތުން ދެކޭ ގޮތް ރަނގަޅު ނުވެދާނެ. ރައްޔިތުންގެ އިތުބާރާއި ޔަގީން ކަމަކީ އެސްޓީއޯ ފަދަ ރައްޔިތުންގެ ކުންފުންޏަކަށް މުހިންމު އެއްޗެއް. އެހެންވީމަ މިފަދަ ސަބަބުތަކަށް ޓަކައި އަޅުގަނޑު އިސްތިއުފާ ދިނީ." ސާލިމް ވިދާޅުވި އެވެ.
ސާލިމް ވަނީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އޭނާގެ އުފަން އަތޮޅު ކަމަށްވާ ނ. އަތޮޅު ހޮޅުދޫ ދާއިރާއަށް ކުރިމަތިލައްވަން ނިންމަވައިފަ އެވެ. އަދި އެ ދާއިރާގެ ރަށްރަށަށް ވަޑައިގެން ކެމްޕޭނުގެ މަސައްކަތްތައް ވެސް ގެންދަވަނީ ކުރައްވަމުންނެވެ.
ސާލިމް އަކީ ސަންގެ ކުޑައިގެ ދަށުން ހިންގަމުން އަންނަ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގެ މެނޭޖިން ޑައިރެކްޓަރެވެ. ޕަބްލިކް ލިސްޓެޑް ކުންފުނި އެސްޓީއޯގެ ޗެއާމަންކަމަށް ވަޑައިގަތުމުގެ ކުރީން އޭނާ ވަނީ އެމްޓީސީސީގެ ޗެއާމަންކަންވެސް ކުރައްވައިފަ އެވެ.
ސާލިމް މިހާރު ގެންދަވަނީ ވިޔަފާރީގެ ދާއިރާއިން މާސްޓާސްއަށް ކިޔަވައިވިދާޅުވަމުންނެވެ.