ލައިފް ސްޓައިލް

ކިމް އަދި ކެންޔޭގެ ވަރީގެ ވާހަކަތައް ފައިނަލް ސީޒަންގައި ފެނުން އެކަށީގެންވޭ: ކްރިސް ޖެނާ

ކިމް ކާޑޭޝިއަން އަދި ކެންޔޭވެސްޓް ގެ ވަރީގެ ވާހަކަތައް ފައިނަލް ސީޒަންގައި ފެނުން އެކަށީގެންވާ ކަމުގައި ކްރިސް ޖެނާ ބުނެފިއެވެ.

''ކީޕިންގް އަޕް ވިތު ދަ ކާޑޭޝިއަން''ގެ ވަދާއީ ސީޒަން ބެލުންތެރިންނާ ހަމައަށް މިވަނީ އައިސްފައެވެ. އެންމެފަހު ސީޒަންގެ ފުރަތަމަ އެޕިސޯޑް ބެލުންތެރިންނަށް ދޫކޮށްލާފައި ވަނީ ބުރާސްފަތި ދުވަހުއެވެ.

މިއީ މި ޝޯގެ އެންމެ ފަހު ސީޒަންކަން އިއުލާންކުރި ހިސާބުން މި ސީޒަންގައި ހިމެނޭނީ އާއިލާގެ ކޮންކޮން މައްސަލަތަކެއްތޯ ބަލަން ބެލުންތެރިން ވަނީ ކެތްމަދު ވެފައެވެ. މިކަމަށް އިތުރު ޝައުގުވެރިކަމެއް އުފެދުނީ ކިމް އާއި ކެންޔޭ ވަރިވާން ނިންމާފައިވާ ހަބަރު ފެބުރުއަރީގައި އިއުލާންކުރި ހިސާބުންނެވެ.

ޖަނަވަރީ މަހު ''ޕޭޖް ސިކްސް'' ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުން، މިދިޔަ އަހަރުގެ ބޮޑުބައެއް މި ދެމަފިރިން ހޭދަކޮށްފައި ވަނީ ވަކީންނެވެ. އެ ނޫހުން އޭރުވެސް ރިޕޯޓްކޮށްފައިވާ ގޮތުގައި، ކިމް ވަނީ ކެންޔޭއާ އެކު އުޅެން ބޭނުން ނުވާ ކަމަށާއި، ވަރީގެ ވާހަކަތައް އޮތީ ތުންފަތް މަތީގައި ކަމަށް ބުނެފަ އެވެ.

އާއިލާއާ ހަވާލާދީ އެ ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި، ސެލެބްރިޓީ ޑިވޯސް އެޓާނީއެއް ކަމުގައިވާ ލައުރާ ވެސާ ވަނީ ވަރީގެ ކަންކަން ނިންމުމަށް އައްޔަންކޮށް، ހައްލު ކުރަން ޖެހޭ ކަންކަން ނިންމުމުގެ މަސައްކަތް ކުރިއަށް ގެންދަން ފަށާފައެވެ. ވަރިވުމުގެ ކުރިން ދެމީހުން ވަކީން ދިރިއުޅުމަށްޓަކައި ކިމް ވަނީ ކެންޔޭ، ޔޯމިންގް ސްޓޭޓަށް ބަދަލުވުމަށް އަންގާފައެވެ.

ކިމް ވަނީ ލޯޔަރަކަށް ވުމަށް ޓަކައި ބާ އެގްޒާމް ހެދުމަށް ވިސްނަމުން އަންނަ ކަމަށްވެސް ބުނެފައެވެ. ޖަލުގައި ކުދި ކުށްތަކަށް ދިގު މުއްދަތަކަށް ހުކުމް ތަންފީޒު ކުރަމުން އަންނަ ގައިދީން މިނިވަން ކުރުމުގެ ކެމްޕޭން ވަރަށް ސީރިއަސްކޮށް އޭނާ ވަނީ ނަގައިފައެވެ.

ކެންޔޭ މިދިޔަ އަހަރު ރައީސް ކަމަށް ކުރިމަތިލާކަން އިއުލާންކުރުމާއި މީގެ އިތުރުން ވެސް ހަމަނުޖެހޭ އެތައް ކަމެއްގެ ވާހަކަ މީޑިއާގެ ސަމާލުކަމަށް ގެނެސްފައި ވެއެވެ. މިއިން އެއްވެސް ކަމަކާ މެދު ކިމް ހިތްހަމަ ނުޖެހޭ ކަމުގައި ރިޕޯޓްތައް ބުނެއެވެ.

ނިމިގެން ދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ކިމް މިވަނީ ރަސްމީކޮށް ކެންޔޭގެ ކިބައިން ވަރިވުމަށް ކޯޓަށް ހުށަހަޅައި، 10 އަހަރު ދުވަހުގެ ގުޅުން ނިންމާލުމަށް މަސައްކަތް ފަށާފައެވެ.

ސީޒަންގައި މިވާހަކަ ފެންނާނެކަމަށް ބެލުންތެރިން ކުރަމުން އަންނަ އިންތިޒާރު

ޝޯގެ ކަންކަން ގާތުން ބަލާ މީހަކު މައުލޫމާތު ދީފައިވާ ގޮތުގައި، އެމީހުންވަނީ ކިމްގެ ކައިވެނީގެ މައްސަލަތަކުގެ ވާހަކަ ދައްކާ ބައިތަކެއް ފިލްމުކޮށްފައެވެ. ނަމަވެސް މިޝޯއާ ބެހޭ ގޮތުން އެއްވެސް ކަމެއް އާންމު ނުކުރުމަށް ޝޯގެ ބައިވެރިން ވަނީ ނޮން ޑިސްކްލޯސާ އެގްރިމެންޓެއްގައި ސޮއިކޮށްފައެވެ. ފިނާލޭ އެޕިސޯޑް ދެއްކުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގެ ފަހުކޮޅުގައި ކަމަށްވެއެވެ.

މިހާތަނަށް އާއިލާގެ އެހެނިހެން މެންބަރުން މިކަމާ ގުޅޭ ގޮތުން މާބޮޑު ވާހަކަތަކެއް ދައްކާފައެއް ނުވެއެވެ. ނަމަވެސް ކިމްގެ މަންމަ ކްރިސް ޖެނާ މިކަމާ ބެހޭ ބައެއް ވާހަކަތައް ހިއްސާ ކޮށްފައެވެ.

''ކޭއައިއައިއެސް އެފްއެމްގެ ކައިލް އެންޑް ޖެކީ އޯ'' އަށް ދީފައިވާ އިންޓަވިއުއެއްގައި ކެންޔޭގެ މައްސަލަތައް އެއްވެސް ވަރަކަށް ފެންނާނެތޯ ކުރި ސުވާލަކަށް ޖަވާބުދެމުން އޭނާ ބުނެފައިވަނީ ފެނުން އެކަށީގެންވާ ކަމަށެވެ.


''ފިނާލޭގައި ދައްކަން ނިންމާފައިވަނީ ކޮން ބައި ތަކެއްކަން ކަނޑައެޅިގެން ބުނާކަށް ނޭނގޭ! މިހާރު އޭގެ އެންމެ ފަހުގެ ކަންކަން ފައިނަލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަން ޔަގީން!'' ކްރިސް ބުނެފައިވެއެވެ. މީގެ އިތުރުންވެސް ކިމް ބޭނުންވަނީ މިކަމުގައި އޭނާ އަމިއްލައަށް ހުރިހާ ކަމެއް ނިންމަން ކަމަށާއި، އޭނާގެ އަމިއްލަ ވަގުތުގައި އަމިއްލަ އާއިލާއާ އެކީގައި ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށް، ކްރިސް ބުނެފައިވެއެވެ. ''އެހެންވީމާ މިއީ އޭނާގެ އަމިއްލަ ކަމެއް، މިކަމުގައި އޭނާ ނަގާނެ ވަގުތާއި، ބުނަން ބޭނުންވާ ވާހަކަތައް ބުނުމުގެ ކަންކަން ކުރާނެ!'' ކްރިސް އިތުރަށް ފާހަގަކުރިއެވެ.

ވަރީގެ ކަންތަކުގައި ކިމްގެ ހާލަކީ ކޮބައިތޯ ސުވާލުކުރުމުން ކްރިސް ބުނެފައިވަނީ، މިއީ އުނދަގޫ މަރުހަލާއެއް ކަމަށާއި، ނަމަވެސް ކިމް ނިންމާ ކޮންމެ ނިންމުމުގެ ފަހަތުގައި އޭނާއަށް ހިތްވަރުދިނުމަށް ކްރިސް ހުންނާނެ ކަމުގައެވެ.

''މި އާއިލާގެ ރަނގަޅު ކަމަކީ، އަހަރުމެންނަކީ އަބަދުވެސް އެއް މެންބަރަކު އަނެއް މެންބަރަކަށް ދިމާވާ ކޮންމެ ކަމެއްގެ ފަހަތުގައި ތިބޭނެ ބައެއް، ހިތްވަރުދިނުމަށާއި އެކަކު އަނެކަކު ދެކެވާ ލޯބި އަބަދުވެސް ދެމިއޮންނާނެ!'' ކްރިސް ބުނެފައިވެއެވެ. ''އަހަރެން ބޭނުންވަނީ ކިމް އާއި ކެންޔޭ އުފަލުގައި އުޅުން، އަދި އެމީހުންގެ ދަރީންވެސް އުފަލުގައި ތިބުން، އަހަރެން ހަމައެކަނި ބޭނުންވާ ކަމަކީ އެއީ!'' ކްރިސް އިތުރަށް ބުނެފައިވެއެވެ.

''ކީޕިންގް އަޕް ވިތު ދަ ކާޑޭޝިއަން'' އަކީ ކާޑޭޝަން އާއިލާގެ މެންބަރުންގެ ރިއެލިޓީ ޝޯ އެކެވެ. މި ޝޯގެ ސަބަބުން އާއިލާއަށް ބޮޑު މަޝްހޫރުކަމެއް ވަނީ ލިބިފައެވެ. މެދުކެނޑުމެއްނެތި 13 އަހަރަށްފަހު ރިއަލިޓީ ޝޯ ހުއްޓާލަން ނިންމާފައިވާކަން އިއުލާންކުރީ މިދިޔަ ސެޕްޓެމްބަރުގައި އިންސްޓަގްރާމްގައެވެ.

މި ޝޯގެ ވަދާއީ ޝޯ 20 ވަނަ ސީޒަންގެ ފުރަތަމަ އެޕިސޯޑް މިވަނީ މާޗް 18 ވަނަ ދުވަހު ޕްރިމިއަރ ކޮށްފައެވެ.