މިއަންނަ އޭޕްރިލް މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދަން އިއުލާނުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ އިންތިހާބުގައި ހަރަކާތްތެރިވާން ބޭނުންވާ އޮފިޝަލުންނަށް ވުމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އެ ކޮމިޝަނުން ބުނީ އޮފިޝަލުންގެ ގޮތުގައި ހޮވޭ ފަރާތްތަކަށް ހާއްސަ ތަމްރީން ޕްރޮގްރާމެއް މާޗު މަހު ހިންގާނެ ކަމަށެވެ.
އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ޝަރުތުތަކާއި އެ ފަރާތްތަކަށް ލިބޭ އުޖޫރައިގެ މައުލޫމާތުވެސް ވަނީ އިލެކްޝަނުން ހާމަކޮށްފައެވެ.
އޮފިޝަލުންގެ ގޮތުގައި ހޮވޭ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވުމާއި އެއްވެސް ސިޔާސީ ޕާޓީގެ މެންބަރަކަށް ނުވުމާއި ޖިނާއީ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ނުވުން ހިމެނެއެވެ.
އެ ފަރާތްތަކަށް ކަނޑައަޅާފައިވާ އުޖޫރައިގެ މައުލޫމާތު ތިރީގައި އެ ވަނީއެވެ.
ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް، ވޯޓުލާ ދުވަހަށް 1،500 ރުފިޔާ
ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ، ވޯޓުލާ ދުވަހަށް 1،200 ރުފިޔާ
އޮފިޝަލުންގެގޮތުގައި ހަރަކާތެރިވާ އެހެން ފަރާތްތަކަށް، ވޯޓުލާ ދުވަހު 1،000 ރުފިޔާ
ރިސާރވް އޮފިޝަލަކަށް، ވޯޓުލާ ދުވަހަށް 500 ރުފިޔާ