ޚަބަރު

ރައީސް ސޯލިހު ބަންގުލަދޭޝްއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބަންގުލަދޭޝްއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ރައީސް ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި ބަންގުލަދޭޝްއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދާއި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް އެ ދެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ގަތަރަށެވެ. ރައީސް ގަތަރަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުގެ އެންމެބޮޑު ބޭނުންފުޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި މެދުކަނޑާލާފައިވާ ގަތަރާއި ރާއްޖޭގެ ސިޔާސީގުޅުން މި ސަރުކާރުގައި އަލުން ގާއިމުކުރުން ފާހަގަކުރެއްވުމާއި ދެގައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުން ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސް ވަނީ ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އައްޘާނީއާ ބައްދަލުކުރައްވައި، ރަސްމީ ވާހަކަފުޅުތައް ބާއްވަވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވައިފައެވެ.

ރަސްމީ ވާހަކަފުޅުތައް ނިންމަވާލެއްވުމަށްފަހު، ރައީސް އާއި މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންނެވި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދުގެ ބޭފުޅުން ވަނީ ގަތަރުގެ އަމީރު، ރައީސްގެ ޝަރަފުގައި ބޭއްވެވި މެންދުރުގެ ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގަންނަވައިފައެވެ. އަދި ރައީސްގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ވަނީ ގަތަރުގެ އަމީރުގެ އަނބިކަނބަލުން ޝައިޚާ ޖަވާހެރް ބިންތު ހަމަދު ބިން ސުހައިމް އައްޘާނީ، އެކަމަނާގެ ޝަރަފުގައި ވަކިން ބޭއްވެވި މެންދުރުގެ ޖާފަތުގައި ބައިވެރިވެ ވަޑައިގެންފައެވެ. އަދި އެއަށްފަހު ރައީސްގެ ދެކަނބަލުން ވަނީ ގަތަރުގެ ވެރިރަށް ދޯހާގެ މިއުޒިއަމް އޮފް އިސްލާމިކް އާޓް އަށް ވަޑައިގެން އެތަން ބައްލަވާލައްވައިފައެވެ.

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސް ދެން ވަޑައިގެންނެވީ ދެ ދުވަހުގެ ފުރަމާނަ ދަތުރުފުޅެއްގައި ބަންގްލަދޭޝްއަށެވެ. މި ފުރަމާނަ ދަތުރުފުޅުގައި ބަންގްލަދޭޝްއަށް ވަޑައިގެން، ރައީސް ވަނީ އެގައުމުގެ ފުރަތަމަ ރައީސް އަދި މިނިވަންކަމުގެ ބާނީ ބަންގަބަންދު ޝެއިޚް މުޖީބުއްރަހުމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމަށް ކުރިޔަށްގެންދިޔަ ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ އެ ގައުމުގެ މިނިވަންކަމުގެ ބާނީ ޝެއިޚް މުޖީބުއްރަހުމާނަކީ މިޒަމާނުގެ ޑިމޮކްރަސީއާއި ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ރައްޔިތުންނާ ގާތުން ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވި ހަރުދަނާ ލީޑަރެއްކަން ފާހަގަކުރައްވައިފައެވެ. އަދި އެއީ މުޅި ދެކުނު އޭޝިއާ ސަރަހައްދުގެ ތާރީހުގައިވެސް ފާހަގަކޮށްލެވޭ ލާމަސީލު އެއް ލީޑަރު ކަމަށާއި އެމަނިކުފާނުގެ ހުދުމަތުން ލިބިދޭ ފިލާވަޅުތަކަކީ އެތައް ޖީލަކަށް އިބުރަތް ހާސިލުކުރެވޭނެ މުހިންމު ފިލާވަޅުތަކެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެގައުމުގެ ނޭޝަނަލް މާޓިއާޒް މެމޯރިއަލް އަދި ބަންގަބަންދު މެމޯރިއަލް މިއުޒިއަމަށް ޒިޔާރަތްކުރައްވައިފައެވެ. ނޭޝަނަލް މާޓއާޒް މެމޯރިއަލްއަކީ ބަންގްލަދޭޝްއަށް މިނިވަންކަން ލިބިދިން އެގައުމުގެ މިނިވަންކަމަށްޓަކައި 1971 ވަނަ އަހަރު ކުރެވުނު ހަނގުރާމައިގައި ދުނިޔެ ދޫކުރި ސިފައިންގެ ހަނދާނުގައި ގާއިމުކޮށްފައިވާ މަގުބަރާއެކެވެ. ބަންގަބަންދު މެމޯރިއަލް މިއުޒިއަމަކީ ބަންގުލަދޭޝްގެ މިނިވަންކަމުގެ ބާނީ، އެގައުމުގައި ރައީސްކަމާއި ބޮޑުވަޒީރުކަންވެސް ކުރެއްވި، ބަންގަބަންދު ޝެއިޚް މުޖީބުއްރަހުމާންގެ ގެކޮޅެވެ. އެ ގެކޮޅު ފަހުން ދާރުލްއާސާރަކަށް ބަދަލުކުރެވުމާއެކު އެމަނިކުފާނުގެ މަގުބޫލު ލަގަބުފުޅެއް ކަމަށްވާ ބަންގަބަންދުގެ ނަމުން ދާރުލްއާސާރަށް ނަން ދެވިގެންދިޔައެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ބަންގުލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާއާ ބައްދަލުކުރައްވައި ދެގައުމުގެ މެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވައިފައެވެ. ރަސްމީ ވާހަކަފުޅުތަކުގައި، ދެގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުންތައް ވަރުގަދަކޮށް، ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ތާރީހީ އަދި ސަގާފީ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި މި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ބަންގުލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. އޭ. ކޭ. އަބްދުލް މޮމެން ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވައިފައެވެ. މި ރަސްމިއްޔާތު އޮތީ ޑާކާގެ ހޮޓެލް އިންޓަކޮންޓިނެންޓަލް ގައެވެ.

ބަންގުލަދޭޝްއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމުގެ ކުރިން ރައީސްގެ އަނބިކަނބަލުން ފަޒުނާ ވަނީ ބަންގުލަދޭޝްގެ ރައީސްގެ އަނބިކަނބަލުން ރާޝިދާ ހާމިދާ ވަކިން ބައްދަލުކުރައްވައިފައެވެ. އަދި ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި ބަންގުލަދޭޝްގެ ރައީސް ދެއްވި ރަސްމީ ފަރިއްކޮޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ޖާފަތަށް ވަޑައިގެންނެވުމުގެ ކުރިން ރައީސް ވަނީ ބަންގުލަދޭޝް ރައީސްގެ ޕެލަސްއަށް ވަޑައިގެން މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައިފައެވެ. އަދި މި ރަސްމީ ޖާފަތުގައި ކުރިއަށްދިޔަ ބަންގުލަދޭޝްގެ ސަގާފީ އެކި ޕްރޮގްރާމުތައް ވެސް އެމަނިކުފާނު ބައްލަވާލެއްވިއެވެ.

ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަދި ރައީސްގެ އަރިހުގައި ވަޑައިގެންނެވި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދުގެ ބޭފުޅުން ބަންގުލަދޭޝްއިން ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.