ލައިފް ސްޓައިލް

ބްރެޑްޕިޓްގެ މައްޗަށް ގެވެށި އަނިޔާގެ ތުހުމަތު!

ބްރެޑް ޕިޓްގެ މައްޗަށް ގެވެށި އަނިޔާގެ ތުހުމަތު ކޮށް އެންޖެލީނާ ޖޮލީ، ރަސްމީކޮށް މިމައްސަލަ ކޯޓަށް ވެއްދިކަމުގެ އަޑު ފެތުރިއްޖެއެވެ. އެންޖެލީނާ ޖޯލީ އާއި ބްރެޑްޕިޓް ގެ ކައިވެނި ރޫޅާލިކަން އިއުލާންކުރިފަހުން މިހާރު 4 އަހަރަށް ވުރެ ގިނަދުވަސްވެފައިވީ ނަމަވެސް، ވަރި ސާބިތުކުރުމުގެ މައްސަލަ އަދިވެސް ދަނީ ކުރިއަށެވެ. މިހާތަނަށް ލީކުވި ލިޔެކިޔުންތަކުން އެންޖެލީނާއަށް އެކަން ސާބިތުކޮށްދެވިދާނެ ކަމުގައި އޭނާ ބުނެފައިވާކަމުގެ ހަބަރުތައް އަންނަނީ ފެތުރެމުންނެވެ.

އެންޖެލީނާ އާއި ބްރެޑްބިޓް ވަކިވާން ނިންމިކަން އިއުލާންކުރީ 2016 ސެޕްޓެމްބަރުގައި

2004 ވަނަ އަހަރު ނެރުނު ''މިސްޓަރ އެންޑް މިސިސް ސްމިތު'' ގެ ސެޓުން ހިތާވި މިދެތަރިންގެ ކައިވެންޏަށް 2 އަހަރަށްފަހު ވަކިވާން ވަނީ ނިންމާފައެވެ. އަދި މި ދެތަރިންނަކީ މިހާރު ހުސްހަށިބައި ދެމީހުންކަމަށް 2019 އެޕްރިލް ގައި ގާޒީއަކު ހެކިކޮށް އިއުލާނުކޮށްފައިވީ ނަމަވެސް، ކައިވެނި ރޫޅައިލުމުގެ އެހެނިހެން ގިނަ މައްސަލަތައް ނުނިމި ކޯޓުތަކުގައި އަންނަނީ ދިގު ދެމެމުންނެވެ.

އެމައްސަލަތަކަކީ ކޮން ކަންތައްތަކެއްކަން ސާފުވެފައި ނުވިނަމަވެސް، ހަބަރުތައް ފެތުރޭ ގޮތުގައި އެއީ ފައިސާގެ މައްސަލަތަކާއި، ދަރިީންގެ ކަސްޓަޑީ ހޯދުމުގެ މައްސަލަތައް ހިމެނެއެވެ. އުމުރުން 12 އަހަރާއި 19 އަހަރާ ދެމެދުގެ 06 ދަރިން އެ ދެމީހުންގެ ބެލުމުގެ ދަށުގައި ތިބެއެވެ.

ވަރީގެ މައްސަލައަށް އިތުރުވި ބޮޅެއް

އެންޖެލީނާ ވަނީ މި މަހުގެ 12 ވަނަ ދުވަހު ބްރެޑްޕިޓް އާއި ދެކޮޅަށް ގެވެށި އަނިޔާގެ ތުހުމަތުތަކެއްވެސް ކޮށް ލިޔެކިޔުންތަކެއް ހުށަހަޅާފައެވެ.

''މެލެފިޝެންޓް''ގެ ތަރި ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި ބުނެފައިވާ ގޮތުގައި އޭނާ އާއި އޭނާގެ ދަރީން ތިބީ މިކަމުގައި ''ހެއްކާއި، އެކަމަށް ބާރު ލިބޭ ކަންކަން'' ސާބިތުކޮށްދިނުމަށް ތައްޔާރަށެވެ. އަދި އުމުރުގެ ގޮތުން ކޯޓުގައި ހެކިބަސް ބަލައި ނުގަނެވޭ ކުދިންގެ މަތީން ހެކިބަސް ދިނުމަށްވެސް އޭނާ ތައްޔާރުކަމުގައި ވެއެވެ.

މީގެކުރިންވެސް އެންޖެލީނާ މިފަދަ ތުހުމަތުތަކެއް ބްރެޑްޕިޓަށް ކުރި

މިފަދަ ވާހަކަތަކެއް މީގެކުރިންވެސް ވަނީ މީޑިއާއަށް ތިލަވެފައެވެ. އޭގެތެރޭގައި، 2016 ވަނަ އަހަރު އެމީހުންގެ ޕްރައިވެޓް ޖެޓްގައި، ބްރެޑްޕިޓް ޖިސްމާނީ އަނިޔާ އޭނާގެ ދަރިންނަށް ކޮށް ހަޑިހުތުރުބަހުން ޒުވާބުކޮށްފައިވާކަމުގެ ވާހަކަތައް ހިމެނެއެވެ. ނަމަވެސް މިއީ އަދި ސާބިތު ނުހިފޭ ވާހަކަތަކެއް ކަމަށާއި، މިމައްސަލަ އިތުރަށް ބަލަން ޖެހޭ އިދާރާތަކުން ބަލަމުންގެންދާނެ ކަމުގައި އާއިލާއާ ހަވާލާދީ، ޑެއިލީ މެއިލް އަށް މައުލޫމާތު ދީފައިވެއެވެ.

ދަރިންގެ ކަސްޓަޑީ މައްސަލަ އަބަދުވެސް ޖެހޭ

ކައިވެނި ރޫޅުމަށްފަހު ކުދިންގެ ކަންކަން ބެލެހެއްޓުމުގައި އެންޖެލީނާ އަދި ބްރެޑްޕިޓް ބަހާލައިގެން ކުރިއަށް ގެންދިއުމަށް އެއްބަސްވި ކަމަށް 2019 ވަނަ އަހަރު ރިޕޯޓްކުރި ނަމަވެސް، މިފަދައިން ކަންތައްތައް ކުރިއަކަށް ނުދެއެވެ.

މިދިޔަ އަހަރު ބްރެޑްޕިޓަށް ދަރިންގެ ކަސްޓަޑީ 50/50 ލިބެމުންދިޔައިރު ކްރިސްމަސް ފާހަގަކުރަން އާއިލާ އެއްތަން ވުމަށް ރާވާފައި ވެއެވެ. ނަމަވެސް ދެމީހުންގެ ނިމުމެއް ނެތް ޒުވާބުކުރުން ތަކުގެ ސަބަބުން މިކަން ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ކަސްޓަޑީ މައްސަލައިގައި އެންޖެލީނާގެ ލީގަލް ޓީމް ވަނީ އެތައްފަހަރަކު ބަދަލުކޮށްފައި

އެންޖެލީނާ ވަނީ އޭނާގެ ކުރީގެ ފިރިމީހާގެ ކިބައިން ދަރިންގެ ކަސްޓަޑީ އަތުލުމަށް އެތައް ގޮތަކުން މަސައްކަތް ކޮށްފައެވެ. ''އެންޖެލީނާ ވަނީ މި ވަރީގެ މައްސަލައިގެ ތެރެއިން އޭނާ ހޯދަން ބޭނުންވާ ހުރިހާ ކަމެއް، ވީ ކޮންމެ ގޮތަކުންވެސް ހާސިލުކުރުމަށް އަމާޒުހިފާފަ! އަދި އޭގެ ތެރެއިންވެސް އޭނާގެ ދަރިންގެ ބާރު އަތުން ގެއްލުނަ ނުދިނުމަށް އަމުދުންވެސް ފަހެއް ނުޖެހޭނެ!'' އެންޖެލީނާއާ ހަވާލާދީ ޑެއިލީ މެއިލް ގައި ބުނެފައި ވެއެވެ. ''އޭނާ އަންނަނީ ލީގަލް ޓީމަށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަމުން، އަދި އެތަނުން ލޯޔަރަކު ވަކިކުރަން ޖެހިއްޖެ ނަމަވެސް އޭނާ ފަހެއް ނުޖެހޭނެ!''ޑެއިލީ އަށް މައުލޫމާތު ދިން މީހާ އިތުރަށް ބުނެފައި ވެއެވެ.