މި އަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ބުނީ މި އިނާމަށް އެދި ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މޭ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
ގައުމީ އިނާމަށް މިއަހަރުވެސް ހުޅުވާލަނީ މައިގަނޑު 33 ދާއިރާއަކުންނެވެ. މި އަހަރުވެސް ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމިއްޔާ ޖަމާއަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރި ނުކޮށް، ނަން ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ގައުމީ އިނާމަށް ނަން ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
ގައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހަޅާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައި ކަމަށާއި އަދި ކުންފުނި، ޖަމިއްޔާ ޖަމާއަތް ފަދަ ތަންތަނުން ގައުމީ އިނާމަށް ނަން ހުށަހަޅާނީވެސް، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
ގައުމީ އިނާމު ދޭން ނިންމާފައިވަނީ، މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަފުލާގަ އެވެ.