މަޖިލިސް އިންތިހާބުގެ ޕަރައިމަރީން ބަލިވިޔަސް ހާސްވާން ނުޖެހޭ ކަމަށާއި، މިހާރު ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހް ފާސް ވުމުން، ޕްރައިމަރީން ބަލިވާ ފަރާތްތަކަށްވެސް މަޖިލިސް އިންތިހާބުގައި ވާދަ ކުރެވޭނެ ކަމަށް، އެ އިސްލާހް މަޖިލީހަށް ހުށަހަޅުއްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބުދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ޓިކެޓްގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ވާދަކުރާ ކެނޑިޑޭޓުން ކަނޑައެޅުމަށް މިދިޔަ ހުކުރު ދުވަހު ޕްރައިމަރީ ބާއްވާފަައިވާއިރު، އެ ކަމަށް އަމާޒު ކޮށް އަބްދުއްލަތީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޕްރައިމަރީ ގައި ބަލިވުމަކުން އެއްވެސް ބޭފުޅަކު ކަންބޮޑުވާކަށް ނުޖެހޭނެ ކަމަށެވެ. އަދި އެ އިސްލާހް ފާސް ކުރުމަށް ހުރިހާ ބޭފުޅުންގެ އެހީތެރިކަން ބޭނުންވާ ކަމަަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މިހާރު ގާނޫނުގައި އޮންނަގޮތުން ޕްރައިމަރީން ފެއިލް ވާ ފަރާތްތަކަަށް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާގޮތުން، ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރު ލިބިގެން ބާއްވާ އެއްވެސް އިންތިޖހާބެއް ގައި، ސިޔާސީ ޕާޓީއެއްގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު، އެ އިންތިހާބުގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަ ކޮށްގެން ނުވާނެ އެވެ. އަދި އެފަދަ ފަރާތަކުން އެއްވެސް ހައިސިއްޔަތަކުން އިންތިހާބުގައި ވާދަކުރަން އިލެކްޝަން ކޮމިޝަނަށް ހުށަހެޅިއަސް އެ ކޮމިޝަނުން ކެނޑިޑެންސީ ބާތިލް ކުރަންޖެހޭނެ އެވެ.
ނަމަވެސް ގާނޫނަށް ލަތީފް ހުށަހަޅުއްވާފައިވާ އިސްލާހް ފާސްވެއްޖެ ނަމަ، ޕްރައިމަރީން ފެއިލް ވިޔަސް އިންތިހާބުގައި ކުރިމަތި ލުމުގެ ފުރުސަތު ފައިވެގެންދާނެ އެވެެ.
" ޕްރައިމަރީގަ ބަލިވުމަކުން އެއްވެސް ބޭފުޅަކު ކަންބޮޑުވާކަށް ނުޖެހޭނެ. ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އަޅުގަނޑު ހުށަހަޅާފައިވާ އިސްލާހު ފާސްވުމުން އިންތިހާބުގައި ވާދަ ކުރެވޭނެ. އެ އިސްލާހް ފާސް ކުރުމަށް ހުރިހާ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ،" ލަތީފް ވިދޅުވެފައިވެ އެވެ.
ހުކުުރު ދުވަހު ބޭއްވި އެމްޑީޕީ ޕްރައިމަރީގައި، މަޖިލީހުގައި މިހާރު ތިއްބެވި އެމްޑީޕީގެ ބައެއް މެންބަރުންް ވަނީ ބަލިވެ ކަޓައިފަ އެވެ.
އެމްޑީޕީ ޕްރައިމަރީން ބަލިވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނުދާއިރާގެ މެންބަރު، އަލީ ނިޒާރާއި، ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ (ބްރިގޭޑިއާ)ގެ އިތުރުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އާއި ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ.
މީގެ ތެރެއިން ބައެއް މެންބަރުން ވަނީ އެމްޑީޕީ ޕްރައިމަރީ ބޭއްވި ގޮތާމެދު ފާޑު ވިދާޅުވެފަ އެވެ.
އޭގެ ތެރެއިން ހިތަދޫ ދެކުނުދާއިރާގެ މެންބަރު، އަލީ ނިޒާރު ވިދާޅުވެފައިވަނީ، ޕްރައިމަރީން އޭނާ ފެއިލްކޮށްލީ ޕާޓީގެ ލީޑާޝިޕުން ނުފޫޒު ފޯރުވައިގެން ކަމަށެވެ.