ޚަބަރު

ރައީސް ސޯލިހު ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގެ ފޮލޯއަޕް ދަތުރަކަށް މިނިސްޓަރ ޝާހިދު ފުރާވަޑައިގެންފި

މަރިޔަމް ޝަހުދާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގެ ފޮލޯއަޕް ދަތުރަކަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ފުރާވަޑައިގެންފި އެވެ.

މި ދަތުރަކީ ޔޫއޭއީގެ ކްރައުން ޕްރިންސާއި ރައީސް ސޯލިހާ ދެމެދު ދެކެވުނު ވާހަކަފުޅުތަކުގެ ފޮލޯއަޕް ދަތުރެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މީގެ އިތުރުން މިނިސްޓަރ ވިދާޅުވިގޮތުގައި މި ދަތުރަކީ ރައީސް ސޯލިހުގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ކަންތައްތައް ތަންފީޒު ކުރުމުގައި ޔޫއޭއީގެ އެހީއާއި އެއްބާރުލުން ހޯދުމުގެ މަގްސަދުގައި ކުރާ ދަތުރުފުޅެކެވެ.

ޔޫއޭއީއަށް ކުރައްވާ ދަތުރަށް ފަހު މިނިސްޓަރ އެމެރިކާގެ ވޮޝިންގްޓަނަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި މި ދަތުރަކީ އެމެރިކާއާއި ރާއްޖޭގެ އާ ސަރުކާރާ ދެމެދު އޮތް ގުޅުން ބަދަހިކޮށް ބައިނަލްއަގުވާމީ މުޖްތަމައުގައި ރާއްޖެ އަލުން ބައިވެރިވާން ފެށި ބައިވެރިވުމުގެ ކަންތައްތައް ހަރުދަނާ ކުރުމަށް ކުރައްވާ ދަތުރެކެވެ.

މިނިސްޓަރ ޝާހިދު މިކުރައްވާ ދަތުރުގައި ރާއްޖެއަށް އެނބުރި އައުމުގެ ކުރިން އެންމެ ފަހުން ވަޑާއިގެންނެވުމަށް ހަމަޖެހިފައިވަނީ އދ ގެ ސަލާމަތީ މަޖިލީހުގެ ރައީސް ދެއްވެވި ދައުވަތަކަށް އދ ގެ ސަލާމަތީ މަޖިލީހުގައި ބާއްވާ ތިމާވެއްޓާ ބެހޭ ބަހުސެއްގައި ދިވެހިރާއްޖޭގެ ފަރާތުން ވާހަކަދެއްކެވުމަށެވެ. އދ ގެ މަޖިލީހުގައި ބައިވެރިވުމަށްފަހު މިނިސްޓަރ އެންމެ ފަހު މަންޒިލަކަށް ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ އިނގިރޭސިވިލާތުގެ ލަންޑަނަށެވެ. މި ދަތުރަކީ ލަންޑަންގެ ފޮރިން އޮފީހުން ކުރިއަށްގެންދާ ޑިމޮކްރަސީއާ ބެހޭ ބައްދަލުވުމެއްގައި ބައިވެރިވުމަށް ލިބުނު ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.

މި ދަތުރުގައި މިނިސްޓަރ ޝާހިދުއާއެކު އިތުރު ތިން މިނިސްޓަރުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.