ޖުމްހޫރީ ޕާޓީން ވަކި ކެންޑިޑޭޓަކު ނެރުނު ނަމަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޖަމީލް މިހެން ވިދާޅުވެފައިވަނީ ވެރިކަމަށް އައިފަހުން ކޯލިޝަންގެ މެދުގައި އެކި މައްސަލަތައް ކުރިމަތިވެފައި ވަނިކޮށެވެ.
ޖަމީލް ވިދާޅުވީ ވޯޓުގެ ނަތީޖާ ނުކުތް ގޮތަށް ބަލާ އިރު، ޖުމްހޫރީ ޕާޓީން ވަކި ކެންޑިޑޭޓަކު ނެރުނު ނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވުރެ ރައީސް ޔާމީނަށް އިންތިހާބު ކާމިޔާބުވުމުގެ ފުރުސަތު ބޮޑެވެ. ޖަމީލްގެ ވާހަކައިގައި ވަނީ ކޮންމެ ރިޔާސީ އިންތިހާބެއްވެސް ކާމިޔާބު ކުރައްވާ ބޭފުޅަކަށް އެ ކާމިޔާބު ލިބެނީ ޕާޓީތަކުން ގުޅިގެން ގައުމީ ފިކުރަކަށް މަސައްކަތް ކުރުމުގެ ސަބަބުންނެވެ. އަދި މިހާތަނަށް އެއްވެސް ޕާޓީއަކަށް އެޕާޓީގެ ސިޔާސީ ގޮތުން އެކަނި އިންތިހާބު ކާމިޔާބުކުރެވިފައި ނުވާކަން ޖަމީލް ފާހަގަކުރެއްވިއެވެ. ކޮންމެ ބަޔަކަށްވެސް ވެރިކަން ލިބޭ ފަހުން ކޯލިޝަން ރޫޅެނީ މިހާތަނަށް ވެރިކަމަށް އައި ބޭފުޅުންގެ ލީޑަރޝިޕެއް ނެތް ކަމުން ކަމަށް ވެސް ޖަަމީލް ވިދާޅުވި އެވެ.
މީގެ އިތުރުން ޖަމީލް ވަނީ ކޯލިޝަން ލީޑަރުންގެ މެދުގައި މައްސަލަ ޖެހެން މެދުވެރިވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ކަމަށް އެމްޑީޕީން ބުނަމުން ދިއުމުން އެކަމަށް ރައްދު ދެއްވައިފައެވެ. މިގޮތުން ޖަމީލް ވަނީ ކޯލިޝަން ހީނަރުވެގެން ދިޔައީ ޖުމްހޫރީ ޕާޓީގެ ބަސްމަގު ބަދަލުވެގެން ނޫން ކަމަށާއި އެމްޑީޕީގެ ބަސްމަގު ބަދަލުވުމުން ކަމަށް ވިދާޅުވެފައެވެ. ޖަމީލް ވަނީ ކޯލިޝަން ވެރިކަމަށް އައީ ހުރިހާ ކަމަކަށް އެކު އެކީ ކުރިމަތިލާގޮތަށް އެއްބަސް ކިޔައިގެން ކަމަށާއި ނަމަވެސް މަޖިލީހުގެ އިންތިހާބުގައި ވަކިން ހުރިހާ ދާއިރާތަކަކަށް ޕާޓީގެ މެމްބަރުން ކުރިމަތިލާން ނިންމީ އެމްޑީޕީން ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ޖަމީލް ވަނީ ކޯލިޝަން މިހާރު އޮތް ހާލަތުން މުޅި ކޯލިޝަން އެކުއެކީ މަންޒިލަށް ދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.