ދިވެހިރާއްޖެއިން ގަތަރަށް ނޮން-ރެޒިޑެންޓް ސަފީރެއް އައްޔަންކުރަން ނިންމަވައިފި އެވެ.
ދިވެހިރާއްޖެއިން ޤަތަރަށް ނޮން-ރެޒިޑެންޓް ސަފީރެއް އައްޔަންކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަން އިއުލާން ކުރައްވާފައި ވަނީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު އެވެ.
ރައީސް ސޯލިހު އަރިހުގައި ގަތަރަށް ވަޑައިގެން ހުންނަވައި އަބްދުﷲ ޝާހިދު ވިދާޅުވީ، ރައީސްގެ ނިންމެވުން ޤަތަރުން ބަލައިގެންފައިވާ ކަމަށެވެ. އަދި މިނިންމެވުމަކީ ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ވިޔަފާރި އާއި އެހެނިހެން ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއް ކަމަށް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.
ރާއްޖެއިން ޤަތަރަށް ނޮން-ރެޒިޑެންޓް ސަފީރެއް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވިކަން މިނިސްޓަރ ޝާހިދު އިއުލާންކުރެއްވީ ރައީސް ޤަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިދަތުރުފުޅުގައި އެމަނިކުފާނުވަނީ ޤަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އާ ބައްދަލުކުރައްވައިފައެވެ.
ޓެރަރިޒަމަށް ވާގިވެރިވާ ގޮތަށް ގަތަރުން މަސައްކަތް ކުރަމުންދާތީ ކަމަށް ބުނެ ގަތަރާއެކު ރާއްޖޭން ބާއްވަމުން އައި ސިޔާސީ ގުޅުން ރަސްމީކޮށް ކަނޑާލީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2017 ވަނަ އަހަރު އެވެ. އެ ނިންމުން އޭރު އައީ ސައުދީން އިސްވެ، ގަތަރާ ގުޅުން ކަނޑާލުމާއެކު އެވެ.
އެ ގުޅުން އަލުން ގާއިމުކުރަން ރާއްޖޭން ނިންމައި އެކަން އިއުލާންކުރީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގަ އެވެ.