ޝެއިޚް އަލީ ޒައިދު

އިސްލާމްދީނަށާއި ރަސޫލާއަށް ބަދުބަސް ބުނެ، ހުކުމުތަކަށް ގޮންޖަހާ މީހުންނަށް ދައުވާކުރަން ޝެއިޚް ޒައިދު ގޮވާލައިފި

2

ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާ ބެހޭ ގާނޫނުގެ ދަށުން އިސްލާމްދީނަށާއި ރަސޫލާ އަދި ސަހާބީންނަށް ބަދުބަސް ބުނެ، ހުކުމުތަކަށް ގޮންޖަހާ މީހުން ހާޒިރުކޮށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް އައްޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝެއިޚް ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްލާމްދީނަށާއި ރަސޫލާ އަދި ސަހާބީންނަށް ބަދުބަސް ބުނެ، ހުކުމުތަކަށް ގޮންޖަހާ މީހުންނަށް ދައުވާ ކުރުމަށް ވެސް ގޮވާލާ ކަމަށެވެ.

"ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާ ބެހޭ ގާނޫނުގެ ދަށުން އިސްލާމްދީނަށާއި ރަސޫލާ އަދި ސަހާބީންނަށް ބަދުބަސް ބުނެ، ހުކުމުތަކަށް ގޮންޖަހާ މީހުން ހާޒިރުކޮށް ފިޔަވަޅު އަޅުއްވާ. މިފަދަ މީހުންނަށް ދައުވާ ކުރުމަށް ދައުލަތަށް ގޮވާލަން،" ޝެއިޚް ޒައިދުގެ ޓުވީޓުގައި ވިދާޅުވިއެވެ.

މީސް މީޑިއާއާ އަދި އެނޫންވެސް ގޮތްގޮތަށް ބައެއް ފަރާތްތަކުން ރަސޫލާއަށާއި އިސްލާމްދީނަށް މަލާމާތްކޮށް ފުރައްސާރަކުރާ މައްސަލައިގައި މިއަދު ވަނީ އިސްލާމިކު މިނިސްޓްރީން ބަޔާނެއް ނެރެފައެވެ.

ބަޔާނުގައި އެފަދަ ވާހަކަތައް ދައްކާ ފަރާތްތަކާ އިސްލާމީ ޝަރީއާއިން ބޭރުން ކަންކަން ކުރާ ފަރާތްތައް ހޯދައި އެކަން ހުއްޓުވާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބަޔާނުގައި ބުނެފައެއް ނުވެއެވެ.

އެކަމާ ގުޅޭގޮތުން މިއަދު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވެސް ވަނީ ޓުވީޓެއް ކުރައްވައިފައެވެ. ޑރ. ޖަމީލު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ފާޅުގައި ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ލާދީނީ ވާހަކަތައް ބައެއް ފަރާތްތަކުން ދައްކާއިރު އެކަށީގެންވާ ފިޔަވަޅު ނޭޅުމުން، އެކަމަކީ ނުފޫޒުގަދަ ބަޔަކު ކުރުވާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟