ގެއެއްގެ ފާރުގެ ބައެއް، މީހެއްގެ ގައި މައްޗަށް ވެއްޓިއްޖެއެވެ.
ފުލުހުން ބުނީ ޗާންދަނީ މަގު ރެޑްބީ ފިހާރަ ކައިރީގައި ހުރި ގެއެއްގެ ފާރުގެ ބައެއް މީހެއްގެ ގައި މައްޗަށް ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު މިރޭ 7:00 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި އެ މީހާ މިހާރު ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި އެމީހާ ގެންގޮސްފައިވަނީ އައިޖީއެމްއެޗްއަށް ކަމަށާއި އޭނާގެ ހާލު ސީރިއަސްއެއް ނޫން ކަމަށެވެ.
އެ ހާދިސާގައި އަނިޔާވެފައިވަނީ 19 އަހަރުގެ ފިރިހެނަކަށެވެ. އެ ހާދިސާގައި ފާރުން ވެއްޓުނު ބައި ގޮސް ޖެހުނީ އޭނާގެ އަތުގައެވެ. އެމީހާއަށް ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށާއި އެ ހާދިސާ ހިނގި ސަރަހައްދުގައި ހުރި ސައިކަލަކަށް ވެސް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ފާރަކީ އެގޭގެ ދެވަނަ ފަންގިފިލާގެ ބެލްކަނީގެ ފާރުކޮޅެއް ކަމަށާއި ފުލުހުން މިހާރު އެ ފާރުގައި އިން ބާކީ ބައިވެސް ނަގާފައިވާ ކަމަށެވެ.