ޚަބަރު

ޕްރައިމަރީގެ ދެ ފޮއްޓެއް އަލުން ގުނުމަށް އެމްޑީޕީ ޕްރައިމަރީއާ ގުޅޭ ޝަކުވާ ކޮމިޓީން ނިންމައިފި

މަރިޔަމް ޝަހުދާ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލާނެ ފަރާތްތައް ހޮވުމަށް މިދިޔަ ހުކުރު ދުވަހު ކުރިއަށް ގެންދިޔަ އެމްޑީޕީގެ ޕްރައިމަރީއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ޝަކުވާތައް ބަލައި ނިންމުމަށް ފަހު ދެ ދާއިރާއެއްގެ ފޮށިތައް އަލުން ގުނުމަށް އެމްޑީޕީގެ ޕްރައިމަރީއާ ގުޅޭ ޝަކުވާ ކޮމިޓީން ނިންމައިފި އެވެ.

އެމްޑީޕީގެ ޕްރައިމަރީއާ ގުޅޭ ޝަކުވާ ކޮމިޓީއަށް ޕްރައިމަރީއާ ގުޅޭގޮތުން ވަނީ އަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އެމްޑީޕީން މިއަދު މައުލޫމާތު ދިން ގޮތުގައި މި އަށް މައްސަލައިގެ ތެރެއިން ފަސް މައްސަލައެއް އިތުރަށް ނުބެލުމަށް ޕްރައިމަރީއާ ގުޅޭ ޝަކުވާ ކޮމިޓީން ވަނީ ނިންމައިފަ އެވެ. އަދި އެއް ދާއިރާއެއްގެ މައްސަލަ އިތުރަށް ބެލުމަށްވެސް އެ ކޮމިޓީން ވަނީ ނިންމައިފަ އެވެ. އެއީ ފުވައްމުލަކު ދެކުނު ދާއިރާ އެވެ.

މިގޮތުން ކޮމިޓީން އަލުން ގުނުމަށް ނިންމާފާއިވަނީ ހޮޅުދޫ ދާއިރާގެ ފޮށިތަކާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތަކެވެ. މި ދެފޮށި ވެސް އަލުން ގުނުމަށް ކޮމިޓީގެ ފަރާތުން ނިންމާފައިވަނީ ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ ފަރަގު ހަނިވުމުގެ ސަބަބުންނެވެ. މީގެ އިތުރުން ފުވައްމުލަކު ދެކުނު ދާއިރާގެ މައްސަލައާ މެދު ވަކި ގޮތެއް ނިންމުމުގެ ކުރިން ރީރެޖިސްޓްރޭޝަންގެ ކިތައް މައްސަލަ ކެންޑިޑޭޓުން ހުށަހެޅިތޯ ބެލުމަށް ކޮމިޓީން ވަނީ ނިންމައިފަ އެވެ.

އެމްޑީޕީ ޕްރައިމަރީގެ ވަގުތީ ނަތީޖާ މިހާރު އިއުލާނުކޮށްފައިވާ އިރު ދާއިމީ ނަތީޖާ މި ހަފުތާތެރޭ އިއުލާނުކުރުމަށް އެމްޑީޕީން ވަނީ ނިންމައިފަ އެވެ.