ގޮތް ނޭނގޭ ގޮތަށް ކޮންމެ ދުވަހަކު މީހުން މަރުވަމުންދާތީ، އެކަންތައްތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ބަލަން ޖެހޭ ކަމަށް އިދިކޮޅު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.
ފަހަކަށް އައިސް ރާއްޖޭގައި ގިނަވެފައިވާ މަގުމަތީގެ އެކްސިޑެންޓްތައް މަދު ކުރެވޭނީ ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ ނަގައިގެން ކަމަށް ޓްރާސްޕޯޓް މިނިސްޓަރު ވިދާޅުވެފައިވާތީ، އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގަައި ނިހާނު ވިދާޅުވެފައި ވަނީ، އެކްސިޑެންޓްތަކުގެ އިތުރުން ގޮތް ނޭނގޭގޮތަށް ކޮންމެ ދުވަހަކު އެތަކެއް ބަޔަކު މަރުވަމުންދާ ކަމަށެވެ. އެހެންކަމުން އެކަންތައްތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ތަހުގީގު ކުރަންޖޭ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
އެކިއެކި ހާދިސާތަކުގަ އާއި ކޮން ކަމެއްގައިކަން ނޭނގޭ ގޮތަށް މީހުން މަރުވުން މި ދުވަސްކޮޅު އިތުރު ވެފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ.
މިއަދު އެކަނިވެސް ވަނީ ހުޅުމާލޭން މަރުވެފައި އޮތް ދެ މީހަކު ފެނިފަ އެވެ. އޭގެ ތެރެއިން ދިވެއްސަކު މަރުވެފައި އޮތީ ރޯ ހައުސްއެއްގެ ޓެރަސްމަތީގަ އެވެ. ބިދޭސީ މީހާ އޮތީ އެމީހާ ދިރިއުޅޭ ގޭގައި މަރުވެފަ އެވެ.