ޚަބަރު

މޯލްޑިވިއަން އިން މާފަރާއި މުމްބާއީ ދެމެދު ސީދާ ދަތުރުތައް ފަށަން ތައްޔާރު ވެއްޖެ

މުއާވިޔަތު އަންވަރު

ގައުމީ އެއާލައިން މޯލިޑިވިއަން އިން ނ. މާފަރާއި އިންޑިއާގެ މުމްބާއީއާ ދެމެދު ސީދާ ދަތުރުތަކެއް ފެށުމަށް ނިންމައިފި އެވެ.

އެކަން އާންމުކޮށްފައި ވަނީ މޯލްޑިވިއަން އިން މިއަދު ހެނދުނު ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު އެވެ.

"އަޅުގަނޑުމެން މިހާރު އެކަމަށް ތައްޔާރުވެ އޭޕްރީލް 13 ވަނަ ދުވަހު ފުރަތަމަ ފްލައިޓް މުމްބާއީން ޑައިރެކްޓްކޮށް މާފަރަށް ޖެއްސުމަށް ވަނީ ހަމަޖެހިފައި،" މިހާދު ވިދާޅުވި އެވެ.

މާފަރާއި މުމްބާއީ ދެމެދު ޑައިރެކްޓް ފްލައިޓްތައް ބޭއްވުމަށް ނިންމާފައިވާއިރު އެކަމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވެފައިވާކަން މިހާދު ފާހަގަ ކުރެއްވި އެވެ. އަދި އެ ސަރަހައްދުގެ ރިސޯޓްތަކާއި ގެސްޓް ހައުސްތަކާވެސް މަޝްވަރާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އުންމީދު ކުރަނީ މި ފުރުސަތު އެ ހިސާބުގެ ހުރިހާ ގެސްޓް ހައުސްތަކާއި ރިސޯޓުތަކުން ފުރިހަމައަށް ބޭނުން ކުރާނެ ކަމަށް. މިހާތަނަށް އަޅުގަނޑުމެނަށް ވަނީ ވަރަށް ރަނގަޅު ތަރުހީބެއް ލިބިފައި،" މިހާދު ވިދާޅުވި އެވެ.

މާފަރު އެއާޕޯޓް ގާއިމްވެފައި ވަނީ 2000 އެއްހައި ޓުއަރިސްޓް އެނދު ހިމެނޭ ސަރަހައްދެއްގައިކަން ފާހަގަކުރައްވައި މިހާދު ވިދާޅުވީ، މުމްބާއީ އާ ދެމެދު ފުރަތަމަ ދަތުރުތައް ކުރުމަށް ހަމަޖައްސާފައި ވަނީ ހަފުތާއަކު ތިން ދުވަހު ތިން ފުލައިޓު ކަމަށެވެ. އަދި ވަރަށް އަވަހަށް އިންޑިއާގެ އެހެން ސިޓީ އަކަށް ވެސް ދަތުރުތައް ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.