ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ

އެކްސިޑެންޓްތައް މަދުކުރެވޭނީ ފަރުދީ ޒިންމާ ނަގައިގެން: މިނިސްޓަރު ނަހުލާ

ޝަހީދާ އަބްދުﷲ ސައީދު

އެކްސިޑެންޓްތައް މަދުކުރެވޭނީ ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ ނަގައިގެން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނަހުލާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެކްސިޑެންޓްތައް މަދުކުރެވޭނީ މަގުމަތީގައި ތިމާގެ ފަރިތަކަމަށްވުރެ، އަނެކާގެ ރައްކާތެރިކަމަށް ވިސްނައި ގަވައިދުތަކަށް ބޯލަނބައިގެން ކަމަށެވެ.

އަދި ފަހަކަށް އައިސް އެކްސިޑެންޓްތައް ގިނަވުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށް ވިދާޅުވެ، ރައްކާތެރިވެ ފަރުދީ ޒިންމާ އަދާކުރުމަށް މިނިސްޓަރު ނަހުލާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ފަހަކަށް އައިސް މާލެއާއި އަތޮޅުތަކުގައި ހިނގާ އެކްސިޑެންޓްތައް ގިނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އިއްޔެ މާލޭގައި ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު ނިޔާވެފައިވާ އިރު އިއްޔެ މެންދުރު ލ. އަތޮޅު ލިންކް ރޯޑުގައި ވެސް ވަނީ އެކްސިޑެންޓެއް ހިނގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

އަދި އިއްޔެ ހަވީރު މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ އިރު، ރޭގެ ވަގުތެއްގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެ އެކެއްގެ ހާލު ސީރިއަސްވެ، އޮޕަރޭޝަނެއް ކުރުމަށް އޭނާ އޭޑީކޭއަށް ބަދަލުކޮށްފައިވާ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.