ޚަބަރު

ޕްރޮކިއޯ ޕްލަސް އިން ކުޑަކުދިންނަށް ހާއްސަ ކޮށްގެން ކުރެހުމުގެ މުބާރާތެއް ފަށައިފި

ރިފާ ހަލީލު

ޕްރޮކިއޯ ޕްލަސް އިން ކުޑަކުދިންނަށް ހާއްސަކޮށްގެން "ޔުނި ޕިން ޔަންގް އާޓިސްޓް ޗެލެންޖް"ގެ ނަމުގައި ކުރެހުމުގެ މުބާރާތެއް ފަށައިފި އެވެ.

ކުރެހުމަށް ހާއްސަކޮށްފައިވާ ޔުނިބޯލްގެ ކުރަހަން ބޭނުންކުރާ ޔުނި ޕިން ގަލަމާއި އެ ބްރޭންޑުގެ ފަންސުރާއި އަދި ކުރެހުމުގެ އެހެނިހެން ސާމާނުތައް ރާއްޖެއަށް ތައާރަފުކުރުމުގެ ގޮތުން ބާއްވާ މި މުބާރާތުގައި 10 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނަށް ބައިވެރިވެވޭނެ އެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ކުރެހުން މުބާރާތުގައި ބައިވެރިވާން ބޭނުންވާ ކުދިން ރަޖިސްޓަރީ ކުރުމަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ. މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައިވާއިރު، މުބާރާތުގައި ބައިވެރިވުމަށް ވަކި އަދަދެއް ކަނޑައަޅާފައި ނުވާނެ ކަމަށް ޕްރޮކިއޯ އިން ބުނެ އެވެ.

މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ކުރެހުމުގައި ބޭނުން ކުރަން ޖެހޭނީ ޔުނިބޯލްގެ ކުރަހަން ބޭނުންކުރާ ޔުނި ޕިން ގަލަމާއި އެ ބްރޭންޑުގެ ފަންސުރު، ކުލަ އަދި ފެންކުލަ އެވެ.

މުބާރާތުން އެއްވަނަ އަށް ހޮވޭ ކުއްޖަކަށް 5000 ރުފިޔާ، ދެވަނަ އަށް ހޮވޭ ކުއްޖަކަށް 3000 ރުފިޔާ އަދި ތިން ވަނަ އަށް ހޮވޭ ކުއްޖަކަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި ވަނަތަކަށް ހޮވޭ ކުދިންނަށް އެއް އަހަރު ވަންދެން ޔުނިބޯލް ޕްރޮޑަކްޓުތަކުން ޑިސްކައުންޓް ލިބޭނެ ކަމަށް ޕްރޮކިއޯ އިން ބުނެ އެވެ.

މި މުބާރާތާ ގުޅޭ ގޮތުން ޕްރޮކިއޯ ޕްލަސްގެ މާކެޓިން އެންޑް ސޭލްސް މެނޭޖާ ލަމާ ސަލީމު ވިދާޅުވީ މިއީ ޒުވާން އާޓިސްޓުންނަށް ދެވޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި މުސްތަގުބަލުގައި ޔުނިބޯލްގެ އިތުރު އަދި މިފަދަ އިންޓަނޭޝަނަލް ބްރޭންޑުތައް ބޭނުން ކޮށްގެން ދިވެހި އާޓިސްޓުންނަށް މުބާރާތްތަކެއް ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށެވެ.