އަޒަރުބައިޖާންގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޑރ. އަޝްރަފް ފަރުހާދު ޝިޚަލިޔޭވް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ފަތްކޮޅު އެރުވުމަށް ފަހު، އަޒަރުބައިޖާންގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ސަފީރަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެއަށް ޒިޔާރަތްކުރެއްވިކަމަށްޓަކައި މަރުހަަބާ ވިދާޅުވިއެވެ.
އަދި، ރާއްޖެއާއި އަޒަރުބައިޖާނާއި ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވާނެކަން ޔަގީންކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މީގެ އިތުރުން މިއަހަރުގެ މާރިޗު މަހު ހިންގުމަށް ހަމަޖެހިފައިވާ "ޕާޓްނަރޝިޕް ފޯރަމް"ގެ ތެރެއިން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އުންމީދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިބައްދަލުވުމުގައި އަޒަރުބައިޖާންގެ ސަފީރު ވަނީ އެގައުމުން ދެއްވާ ސްކޮލަރޝިޕްގެ ފުރުސަތުގައި މަތީ ތައުލީމު ހާސިލުކުރަމުންގެންދާ ރާއްޖޭގެ ދަރިވަރުންނާ ބެހޭގޮތުން އަލިއަޅުވައިލައްވައި ވާހަކަފުޅު ދައްކަވާފައެވެ.
އެގޮތުން އެގައުމުން ތައުލީމު ހާސިލުކުރަން ބޭނުންވާ އިތުރު ދަރިވަރުންނަށް ހިތްވަރުދެއްވައި އެގައުމުގެ ސިޔާސީ އެކަޑަމީ އެއްކަމުގައިވާ އޭ.ޑީ.އޭ ޔުނިވަރސިޓީން ތައުލީމު ހާސިލުކުރުމަށް ބާރުއަޅުއްވައި ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.