ކ. ތުލުސްދޫގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔެއް ގެނބިގެން އެރަށު ހެލްތު ސެންޓަރުގައި ފަރުވާ ދޭން ފަށައިފި އެވެ.
ތުލުސްދޫން "ވަން އޮންލައިން"އަށް މައުލޫމާތު ދިން މީހަކު ބުނީ ފަތުރުވެރިޔާގެ ހާލު ސީރިއަސް ކަމަށެވެ.
އޭނާ ބުނީ އެ ފަތުރުވެރިޔާ ގެނބިފައިވަނީ މިއަދު 3:30ހާއިރު ކަމަށެވެ.
ތުލުސްދޫ ހެލްތު ސެންޓަރުން "ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ގެނބިގެން ގެންދިޔަ ޓޫރިސްޓަކަށް ފަރުވާދެމުން އަންނަ ކަމަށާއި އިތުރު ތަފްސީލެއް ދެއްވެން ނެތް ކަމަށެވެ.
ވަން އޮންލައިންއަށް އެރަށުން މައުލޫމާތު ދިން މީހާ ބުނީ އެއީ އެރަށު ގެސްޓް ހައުސެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ދެމަފިރީން ތެރެއިން އެކެއް ކަމަށެވެ.
"ބެލެވޭ ގޮތުގައި އެއީ ސައުދީ މީހެއް. ދެމަފިރީން އެކުގައި މޫދަށް ގޮސް އުޅުނީ. ގެނބުނީ ފިރިހެން މީހާ." ވަން އޮންލައިން އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
ފުލުހުން ބުނީ ޕާކިސްތާނު ފިރިހެނެއް ގެނބިގެން ފަރުވާ ދެމުން އަންނަ ކަމުގެ މައުލޫމާތު މިއަދު 3:29ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. އޭނާއަށް ތުލުސްދޫ ހެލްތު ސެންޓަރުން ފަރުވާ ދެމުން އަންނައިރު، ހާލު ރަނގަޅުވަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.