މާލޭގެ ގެއެއްގެ ފަސްވަނަ ބުރިން ފުރާޅު މައްޗަށް ވެއްޓުނު ކުޑަ ކުއްޖަކަށް އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށައިފި އެވެ.
"ވަންއޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވެއްޓިފައިވަނީ އުމުރުން 15 އަހަރުގެ އަންހެން ކުއްޖެކެވެ.
އެ ހާދިސާ ހިނގާފައި ވަނީ ގަލޮޅުގައި ހުރި ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިގެންނެވެ.
އައިޖީއެމްއެޗުން ވަނީ، ދާދި ދެންމެއަކު އެ ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ކުޑަކުއްޖަކު ގެންގޮސްފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
އެ ސަރަހައްދުގައި ހުރި "ވަން އޮންލައިން"ގެ ނޫސްވެރިޔާ ބުނި ގޮތުގައި ކުއްޖާ ވެއްޓިފައި ވަނީ ގ. ކޮލަމްބިއާގެ ފަސްވަނަ ބުރީ ކުޑަދޮރަކުން "ނިއު ކޮލަމްބިއާ"ގެ ފުރާޅު މައްޗަށެވެ. ނިއު ކޮލަމްބިއާ އަކީ އެއްބުރިއަށް ހުންނަ ގެއެކެވެ.
މަންޒަރު ދުށް މީހަކާ ހަވާލާ ދީ "ވަން އޮންލައިން"އަށް މީހަކު ބުނީ ގޭތެރޭގައި ހުއްޓައި ބާރު އަޑުފަށްގަނޑެއް އިވިގެން ބެލްކަނީން ބޭރު ބަލައިލި އިރު ކުޑަކުއްޖަކު ފުރާޅުމަތީގައި އޮތް ކަމަށެވެ.
މައުލޫމާތު ލިބޭގޮތުގައި އެކުއްޖާ ވަނީ މިވަގުތު އައިޖީއެމްއެޗްގެ އެކްސްރޭ ރޫމަށް ވައްދާފަ އެވެ.
''ވަންއޮންލައިން''އަށް މައުލޫމާތުދެއްވަމުން އައިޖީއެމްއެޗްގެ ސީއީއޯ މުހައްމަދު މުފީދު ވިދާޅުވީ ގެއެއްގެ ފަސްވަނަ ބުރިން ވެއްޓިގެން މިއަދު 2:20 އެހާކަށްހާއިރު އެހޮސްޕިޓަލަށް 14 އަހަރުގެ އަންހެން ކުއްޖަކު ގެނައި ކަމަށެވެ.
އަދި ކުއްޖާގެ ބޭރު ފުށުން މާބޮޑު އަނިޔާއެއް ލިބިފައިނެތް ކަމަށާއި ކުއްޖާގެ ހާލު ސީރިއަސް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
މުފީދު ވިދާޅުވީ ކުއްޖާ އަށް މިހާރުވެސް ފަރުވާ ދެމުން އަންނަ ކަމަށާއި އެމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާތީ އިތުރު މައުލޫމާތު މިވަގުތު ހާމަކުރެވެން ނެތް ކަމަށެވެ.