ޚަބަރު

އެފްއެސްއެމްއިން ބޭންކަށް ޖަމާކުރަން ގެންދިޔަ ފައިސާތަކެއް މޫނަށް ސްޕްރޭ ޖަހައި ފޭރިގެންފި

އެފްއެސްއެމްއިން އިސްލާމިކް ބޭންކަށް ޖަމާކުރަން ގެންދިޔަ ގިނަ އަދަދެއްގެ ފައިސާތަކެއް މޫނަށް ސްޕްރޭ ޖަހައި ފޭރިގެންފި އެވެ.

ހުޅުމާލެ ފިއުލް ސަޕްލައިއިން އިސްލާމިކް ބޭންކަށް ޖަމާކުރަން ގެންދިޔަ ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގެންފި ކަމަށް ފުލުންވެސް ވަނީ ޔަގީންކޮށްދީފަ އެވެ. އެ ފައިސާތައް ފޭރިގެންފައި ވަނީ ފައިސާ ހިފައިގެންދިޔަ މީހާގެ މޫނަށް ދެމީހަކު އައިސް މޫވް ސްޕްރޭ ޖެހުމަށްފަހު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު ހެނދުނު 11:47އެހާކަންހާ އިރު ކަމަށާއި، އެކަން ހިނގީ ހުޅުމާލެ ސެންްޓްރަލްޕާކު ސަރަހައްދުގައި ކަމަށެވެ.

މިއަދު ފޭރިގެންފައި ވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި އެނގިފައެއް ނުވެ އެވެ.

މިދިޔަ އަހަރު ޖުލައި މަހުގެ ތެރޭގައި، ރާއްޖޭގައި ފުޅާދާއިރާއެއްގައި މަސް އެކްސްޕޯޓް ކުރާ އެންސިސް ފިޝަރީޒްގެ 2.7 މިލިއަން ރުފިޔާ ވަނީ ފޭރިގެންފައެވެ.

އެފައިސާތައް ފޭރިގަތީ ހުޅުމާލޭ ސެންޓްރޯ މޯލްގައި ހުންނަ މޮރިޝަސް ބޭންކްގެ ބްރާންޗުން ފައިސާ ނަގައިގެން، އެންސިސްގެ މުވައްޒަފުން ވެހިކަލަކަށް އަަރަން އުޅެނިކޮށް ސައިކަލެއްގައި ދިޔަ ބައެކެވެ.

އެ މައްސަލައިގައި ނުވަ މީހަކު ހައްޔަަރުކޮށްފައިވާއިރު އޭގެ ތެރޭގައި އެންސިސްގެ ދެ މުވައްޒަފުންވެސް ހިމެނެއެވެ.