މިހާރު ރާއްޖޭ ގައި ހުންނަވާ އިންޑިއާ ސަފީރު އަކިލޭޝް މިޝަރާ ބަދަލުކޮށް، ރާއްޖެއަށް އާ ސަފީރަކު ކަނޑައަޅަން އަވައްޓެރި އިންޑިޔާ އިން ނިންމާފައިވާ ކަމަށް އިންޑީޔާގެ ނޫސްތަކުން ބުނެފި އެވެ.
އިންޑީޔާ ގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އާ ހަވާލާދީ އިންޑިޔާގެ "ދަ ހިންދޫ" ނޫހުގައި ބުނެފައިވަނީ، ރާއްޖޭގެ އާ ސަރުކާރާ އެކު އިތުރަށް ގުޅުންތައް ބަދަހި ކުރުމަށްޓަކައި، އިންޑިޔާއިން ރާއްޖެއަށް އާ ސަފީރަކު ކަނޑައަޅާފައިވާ ކަމަށެވެ. އެއީ އެގައުމުގެ ޕެޓްރޯލިއަމް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ، އިންޓަނޭޝަނަލް ކޯޕަރޭޝަންސްގެ މަގާމުގައި ހުންނެވި ސަންޖޭ ސުދިރު ކަމަށް ވެސް ނޫހުގައި ބުނެފައި ވެ އެވެ.
ނޫހުން ފާހަގަ ކޮށްފަައި ވަނީ ރާއްޖެ އަކީ އިންޑިޔާ އިން ގުޅުން ބަދަހި ކުރަންޖެހޭ މުހިންމު ބައިވެރިއެއްގެ ގޮތުގަ އެވެ.
ނޫހުން ބުނެފައިވަނީ، މިމަހުން ފެށިގެން ބޫޓާން، ސައުތު އެފްރިކާ، މެކްސިކޯ، ނިއުޒީލެންޑް، އިސްރާއީލް އާއެކު ވިހި ގައުމަކަށް އާ އެމްބެސަޑުން ފޮނުންވަން އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނިންމާފައިވާ ކަމަށްށެވެ.
ރާއްޖެއަށް އިންޑީޔާއިން ކަނޑައަޅާ އާ ސަފީރު ފޮނުވާނެ ދުވަހެއް ނޫހުގައި ފާހަގަކޮށްފައިނުވި ނަމަވެސް، ރާއްޖެއިން ޑިޔާއަށް ކަނޑައެޅުއްވި ސަފީރު، ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ދިއްލީ އަށް ވަޑައިގެން މަސައްކަތް ފައްޓަވާފައިވާކަންވެސް ނޫހުން ވަނީ ފާހަގަ ކޮށްފަ އެވެ.
މިހާރު އިންޑީޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރަކީ، އަކިލޭޝް މިޝްރާ އެވެ. އަކިލޭޝް މިޝްރާ އެ މަގާމާ ހަވާލުވީ 2016 ވަނަ އަހަރު އެވެ.