ބިލެތްފަހީ ގެ އެމްޑީޕީ ޕްރައިމަރީގައި ވޯޓު އޮޅުވާލިކަމަށް ބުނާ މައްސަލައެއް ފެންމަތި ވެއްޖެ އެވެ.
މަޖިލީހުގެ ށ.ބިލެއްފައި ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ގައި ވާދަކުރި އަމީން ފައިސަލް، "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދިޔަ އިރު ރަށު ގައި ނެތް 11 މީހެއް ވޯޓުލީކަމަށް ވޯޓާ ސިސްޓަމުން ވަނީ ދައްކާފައެވެ. އަމީން އިތުރަށް ވިދާޅުވި ގޮތުގައި މި މައްސަލަ މިހާރުވަނީ އެމްޑީޕީ އޮފީހަށް ހުށަހަޅާފަ އެވެ. އަދި މި މައްސަލަ އެމްޑީޕީ އޮފީހުން ބަލައިގަނެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ބިލެތްފަހި ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ކުރިއަށް ދިޔަ ރަށް ތަކުގެ ތެރެއިން މައްސަލަ ފާހަގަ ކުރެވިފައިވަނީ ހަމައެކަނި ބިލެއްފަހީގެ ވޯޓު ފޮށިން ކަމަށާއި، މިހާރު އިތުރު ވޯޓު ފޮށި ތަކުގައި މައްސަލަ ހުރިތޯ ބަލަމުން ގެންދާކަމަށްވެސް އަމީން ވިދާޅުވި އެވެ.
މަޖިލީހުގެ ބިލެތްފަހި ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ގައި ވާދަ ކޮށްފައިވަނީ ދެ ކެންޑީޑޭޓުން ނެވެ.
ޕްރައިމަރީގައި، އަމީން ފައިސަލަށް ޖުމްލަ 456 ވޯޓު ލިބިފައިވާއިރު އޭނާއާ ވާދަކޮށް ޕްރައިމަރީ ކާމިޔާބުކުރި ޝަހީމަށް ލިބިފައިވަނީ ޖުމްލަ 462 ވޯޓެވެ.