ޚަބަރު

ވިއްސާރަ ގަދަވާނެތީ ގއ. އިން އައްޑޫ ސިޓީއާ ދެމެދަށް ވައިޓް އެލާޓް ނެރެފި

އިބްރާހިމް ޒަކީ

ގއ. އިން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ރަށްތަކަށް ވިއްސާރަ ކުރާނެތީ، އެ ސަރަހައްދަށް މޫސުމާބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފި އެވެ.

މޯލްޑިވްސް ނެޝަަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރުން، ކުރިއަށް އޮތް ސައުވީސް ގަޑިއިރަށް މޫސުން ލަފާކުރާ ގޮތުގައި، އެންމެ ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރާނެ އެވެ. އަދި ބައެއް ރަށް ތަކަށްް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވެ އެވެ.

ދެކުނުގެ އަތޮޅުތަކަށް ހުޅަނގު އުތުރާއި އުތުރުން 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ އެވެ. އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އެވެ. މެދެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަަށް 35 މޭލަަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މޫސުމާބެހޭ އިދާރާއިން ބުނެ އެވެ.

މެދުތެރޭ އަތޮޅު ތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ އެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ނަމަވެސް ކެރިގަނޑުގައި އާދައިގެވަރަކަށް ގަދަ ވާނެ ކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާބެހޭ އިދާރާއިން ބުނެ އެވެ.

އެމްއެންޑީއެފް އިން މިދިޔަ ހޮނިހިރު ދުވަހު ވަނީ އިރުވައި މޫސުމުގެ ބާރު އޮއިވަރަށް ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އިރުވައި މޫސުމުގެ އޮއިވަރު ބާރު ދުވަސްވަރެއްކަމުން ނުރައްކާތެރި ހާދިސާތަކުން ސަލާމަތްވުމުގެ ގޮތުން ޑައިވިންގެ އިތުރުން މޫދު ކުޅިވަރުތައް އިންތިޒާމްކުރާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.