ޝަހީދާ އަބްދުﷲ ސައީދު
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް އެމްޑީޕީން ބޭއްވި ޕްރައިމަރީގައި 21 އަންހެނަކު ބައިވެރިވި އިރު ޓިކެޓް ކާމިޔާބުކޮށްފައިވަނީ އެންމެ 4 އަންހެނުންނެވެ.
ސިޔާސީ މައިދާނުގެ އަންހެނުންގެ ދައުރު ފުޅާކުރުމަށް ކޮންމެ ސަރުކާރަކުން ވެސް މަސައްކަތްކުރަމުންދާއިރު ސަރުކާރު ތަމްސީލުކުރައްވަމުން ގެންދަވާ ކަނބަލުން ތަކުރާރުކޮށް އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ ސިޔާސީ މައިދާނަށް އަންހެނުން ނުކުތުމަށް ހުރަސްތަކެއް އެބަހުރި ކަމަށެވެ.
އެކަން އެމްޑީޕީން މިދިޔަ ހުކުރު ދުވަހު ބޭއްވި ޕްރައިމަރީގައި ވެސް މިވަނީ ހާމަވެގެން ގޮސްފައެވެ. އެމްޑީޕީގެ ޕްރައިމަރީ ގައި 21 އަންހެނަކު ވާދަކުރެއްވި އެވެ. ނަމަވެސް މަޖިލީހަށް ވާދަކުރުމަށް ޓިކެޓް ލިބުނީ 4 އަންހެން ކަނބަލަކަށެވެ.
އެއީ އައްޑޫ މީދޫ ދާއިރާ ތަމްސީލުކުރައްވަމުން ގެންދަވާ ރޮޒެއިނާ އާދަމާއި ތުޅާދޫ ދާއިރާގެ ޓިކެޓް ކަށަވަރުކުރެއްވި ހިސާން ހުސައިން އާއި އަދި ހިންނަވަރު ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވި ޖީހާން މަހުމޫދެވެ. މީގެއިތުރުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲއަށް އެދާއިރާގެ ޓިކެޓް ކަށަވަރު ވެފައިވާއިރު އެ ދާއިރާ އަށް އެހެން ކެންޑިޑޭޓަކު ވާދަކޮށްފައެއް ނުވެއެވެ.
އެހެންކަމުން އެމްޑީޕީގެ ޓިކެޓްގައި މިފަހަރު މަޖިލީހަށް ވާދަ ކުރައްވާނީ ޖުމްލަ ހަތަރު އަންހެން ކަނބަލުންނެވެ. މިއީ ކުރިމަތިލެއްވި އަންހެން ކަނބަލުންގެ ނިސްބަތުން ވަރަށް ދަށް އަދަދެކެވެ.
އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ ގައި ކަނބަލުންނަށް ފުރުސަތު ހަނިވެގެންދިޔަކަން ފާހަގަކުރައްވައި ''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ޕްރައިމަރީ ގައި އަންހެނުންނަށް ގިނަ ފުރުސަތުތައް ނުލިބުނީ ރަގަޅަށް ކަންކަން ޕްލޭން ނުކުރެވުމުން ކަމަށެވެ.
އެގޮތުން އެއް ދާއިރާއަކަށް ދެ އަންހެން ބޭކަނބަލުން ވާދަ ކުރުމާއި އަންހެން ބޭފުޅުންނަށް ފުރުސަތު ހޯދައިދިނުމަށް އެކަށީގެންވާ މިންވަރަށް މަސައްކަތް ކުރެވިފައި ނެތް ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
ސިޔާސީ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ގޮންޖެހުންތަކެއް ހުރި ކަމަށް، ހުސްވި ހަފްތާގައި ޖެންޑާ މިނިސްޓަރު ސިދާތާ ޝަރީފުވެސް ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން އިގްތިސޯދީ ގޮތުންނާއި މުދަލުގެ އޯނާޝިޕް އޮތުމުގައި އަންހެނުންގެ ހިއްސާ ކުޑަ ވުމާއި މުހިންމު ނިންމުންތައް ނިންމާ ފެންވަރު ގައި ހަރަކާތްތެރިވާ އަންހެނުންގެ ނިސްބަތް ކުޑަ ކަމަށާއި އޭގެ ސަބަބުން އިންތިޚާބުތަކަށް ކުރިމަތިލުމަށް ހުރަސްތައް ހުންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އާބާދީގެ 50 އިންސައްތަ އަކީ އަންހެނުން ކަމަށާއި އަންހެނުންނަށް ހަމަހަމަ ފުރުސަތު އޮންނަންޖެހޭތޯ، މިއީ ސުވާލެއްވެސް އޮތްކަމެއްނޫން ކަމަށެވެ. އަދި އަންހެނުން ނަކީ ގޭތެރޭގެ މަސައްކަތް ކުރުމާއި ރަށުތެރެ ސާފުކުރުމަށް ތިބެންޖެހޭ ބައެއް ކަމަށް މުޖުތަޢުން ދެކޭ ދެކުން ބަދަލުކުރަން ޖެހޭ ކަމަށްވެސް ސިދާތާ ވިދާޅުވިއެވެ.