ޚަބަރު

ޕްރައިމަރީގައި ވަކިބަޔަކަށް ޓިކެޓް ހޯދައިދޭން އެމްޑީޕީ ލީޑާޝިޕުން މަސައްކަތް ކުރި: އަލީ ނިޒާރު

އިއްޔެ ނިމިގެން ދިޔަ، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕްރައިމަރީގައި، ވަކި ބަޔަކަށް ޓިކެޓް ހޯޑައިދިނުމަށް ޕާޓީގެ ލީޑަޝިޕުން މަސައްކަތް ކޮށްފައިވާ ކަމަށް، ޕްރައިމަރީ ގައި ފެއިލްވެ ވަޑައިގެންނެވި، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނުދާއިރާގެ މެންބަރު، އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ނިޒާރު މިއަދު ވިދާޅުވީ، އެމްޑީޕީގެ ރައީސް ނަޝީދުގެ އަރިސް ބޭފުޅުންނަށް ޓިކެޓް ހޯދައިދިނުމަށްޓަކައި، ޕާޓީގެ ލީޑާޝިޕުން އެހެން ކެނޑިޑޭޓުންނަށް އަމާޒު ކޮށްގެން އެންޓި ކެމްޕެއިން ކޮށްފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕްރައިމަރީގައި، އަލީ ނިޒާރު ފެއިލްވެވަޑައިގެންފައިވަނީ، ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ ރައީސް އިބްރާހިމް ނާޒިލް އާ ވާދަ ކުރައްވައިގެންނެވެ.

އަލީ ނިޒާރު ތުހުމަތު ކުރައްވާފައިވާ ގޮތުގައި، އޭނާ ފެއިލްކޮށްލުމަށް ސީދާ އަމާޒުކޮށްގެން އެމްޑީޕީ ލީޑާޝިޕާ ގުޅުންގޮތް ފަރާތްތަކުންވަނީ މަސައްކަތް ކޮށްފަ އެވެ.

އަލީ ނިޒާރު ވިދާޅުވީ، އެމްޑީޕީގެ ބައެއް ކަންކަން ރިފޯމް ކޮށް ހަރުދަނާ ކުރަންޖެހޭކަމަށެވެ.

ޕްރައިމަރީން ފެއިލް ވަޑައިގެންނެވި، ކުރީގެ ބަންޑާރަ ނާއިބު ދިޔާނާ ސައީދުވެސް ވަނީ، އެމްޑީޕީ ޕްރައިމަރީ އިންސާފުވެރި ކުރުމަށް ކުރަންޖެހޭ ކަންކަން ހުރިކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން ވިދާޅުވެފައިވަނީ ވިލިނގިލީ ދާއިރާގެ ގިނަ ބަޔަކު، ކޫއްޑޫގަ ވަޒީފާ އަދާކުރާއިރު، ވަކި ކެނޑިޑޭޓަކަށް ފަހިވާގޮތަށް ސަރުކާރުން މިފްކޯގެ މެނޭޖްމެންޓް އައްޔަން ކުރުންވެސް ގޯސް ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީން ފެއިލްވެ ވަޑައިގެންނެވި، ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ (ބްރިގޭޑިއާ) "ވަން އޮންލައިން،" އަށް ވިދާޅުވީ، މަޖިލިސް ޕްރައިމަރީން ބަލިވެ ވަޑައިގެންނެވީ އެކަށީގެންވާ ވަރަށް މަސައްކަތްނުކުރެވިގެން ކަމަށެވެ. އަދި ޕްރައިމަރީގެ ކަންތައް ޕާޓީން ކުރިއަށްގެންގޮސްފައިވާ ގޮތާމެދު މައްސަލައެއް ފާހަގަ ކުރެވިފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕްރައިމަރީގައި އަޅުގަނޑަށް ނާކާމިޔާބުވީ މަސައްކަތް ނުކުރެވިގެން. ޕްރައިމަރީގެ ކެމްޕެއިން އަކީ އެމީހަކު އަމިއްލައަށް ކުރަންޖެހޭ ކަމެއް. އަޅުގަނޑަކަށް ފާހަގައެއް ނުކުރެވޭ ޕާޓީން ވަކި ގޮތަކަށް ކަންތައްކުރިކަމެއް،" ޑީޑީ ވިދާޅުވި އެވެ.

އަލީ ނިޒާރު އާއި ޑީޑީގެ އިތުރުން މިހާރު މަޖިލީހުގައި ތިއްބެވި މެންބަރުންގެ ތެރެއިން ދެން އެމްޑީޕީ ޕްރައިމަރީގައި ފެއިލްވެވަޑައިގެންނެވީ، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އާއި ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ.