ޚަބަރު

ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫ ކޯޒްވޭއަކުން ގުޅާލުމާ މެދު އަލުން މަޝްވަރާކުރާނަން: ރައީސް

ބ. އަތޮޅުގައި އެއް ފަޅެއްގައި އޮންނަ ތިން ރަށް ކަމަށްވާ ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫ ކޯޒްވޭއަކުން ގުޅާލުމާ މެދު އަލުން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިގޮތަށް ވިދާޅުވެފައި ވަނީ ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީން ކުރިއަށް ގެންދާ ރަށްވެހި ފަތިސް ކެމްޕެއިންގައި އަތޮޅުތަކުގެ ރަށްރަށުގެ މެންބަރުންނަށް ސުވާލުކުރުމަށް ހުޅުވާލައިގެން ރޭ ބ. އަތޮޅުގެ ރައްޔިތުންނަށް ހާއްސަކޮށް ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ގޮއިދޫ އާއި ފުޅަދޫ އަދި ފެހެންދޫ ކޯސްވޭއަކުން ގުޅާލުމަށް މީގެ ކުރިން މަޝްވަރާ ކުރެވުނު ކަމަށާއި އެއިރު މަޝްވަރާ ކުރެވުނީ އެ ތިން ރަށުގެ ތެރެއިން އެއް ރަށުގައި ބޮޑު އެއް ބަނދަރު ހެދުމަށްފަހު އެ ތިން ރަށް ގުޅާލުމަށް ކަމަށެވެ.

ނަމަވެސް މިހާރު ތިން ރަށުގައިވެސް ބަނދަރު ހެދިފައިވާ ކަމަށާއި އެކަމަށް ގާތްގަނޑަކަށް 90 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ. އެހެން ކަމުން ކޯޒްވޭއަކުން އަލުން ގުޅާލުމާމެދު މަޝްވަރާ ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިކަމާ ދޭތެރޭ އިތުރަށް ވިސްނަން އެބަޖެހޭ. ދެ ރަށުގައިވެސް ބަނދަރު މިހާރު މި ހެދުނީ. 3 ރަށުގައި އެއޮތީ 3 ބަނދަރު. އޭރު އަޅުގަނޑުމެންގެ ވިސްނުން އޮތީ 3 ރަށް ގުޅާލާފައި އެއް ބަނދަރު ހަދަން. އެކަމަކު މިއާ ދޭތެރޭގެ ރަައްޔިތުންނާއި މަޝްވަރާކޮށްފައި ގޮތެއް ނިންމަން ޖެހޭނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ތިން ރަށުގައި ބަނދަރު ހަދާފައިވަނީ ބަނދަރުގެ ބޭނުން ޖެހުމުން ކަމަށެވެ. އަދި ކޯޒްވޭ އެޅުމަކީ ވަރަށް ބޮޑު ހަރަދެއް ކުރަން ޖެހޭނެ ކަމެއް ކަމަށާއި އަލުން ކޯޒްވޭއަކުން އެ ތިން ރަށް ގުޅާލުމާމެދު ރައްޔިތުންނާ މަޝްވަރާކުރެވި، ރަނގަޅު ހައްލެއް ގެނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.