އަލީ ޔާމިން
އަންނަ ހޮނިހިރު ދުވަހުން ފެށިގެން ރޭގަނޑު 8:00ގެ ފަހުން ކެފޭ، ރެސްޓޯރަންޓުތަކުން ހަމައެކަނި ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް ދެވޭ ގޮތަށް ރައްކާތެރިކަމުގެ އިތުރު ފިޔަވަޅެއް އަޅައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން، ހަތް ދުވަހުގެ މުއްދަތަށް ރޭގަނޑު 8:00 އިން 10:30 އަށް މާލޭ ސަހަރައްދުގެ ކެފޭ ރެސްޓޯރަންޓުތަކުން ދެވޭނީ ޑެލިވަރީ އަދި ޓޭކް އަވޭގެ ހިދުމަތް އެކަނި ކަމަށެވެ.
"ޓޭކް އަވޭ އާއި ޑެލިވަރީގެ ހިދުމަތްވެސް ދެވޭނީ ރޭގަނޑު 10:30 އާ ހަމައަށް،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކާއި އަމިއްލަ އޮފީސްތަކުގެ މުވައްޒަފުންނަށްވެސް ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް ނޫނީ ގޭގައި މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އެދޭ ކަމަށެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ޑރ. އަހްމަދު ޝަހީދު ވިދާޅުވީ ގިނަ އަދަދެއްގެ ބަޔަކު ކެފޭ، ރެސްޓޯރަންޓުތަކަށް ގޮސް މާސްކު ނާޅައި ގިނަ ވަގުތު ވާހަކަދައްކަން ތިބޭކަން ފާހަގަވެފައިވާ ކަމަށާއި އެއީ ބަލި ފެތުރުމަށް އޮތް ބޮޑު ފުރުސަތެއް ކަމަށެވެ.
މާލޭ ސަރަހައްދުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅެއް އަޅާފައި މިވަނީ މާލޭގައި ކޮވިޑުގެ ހާލަތު މިހާރު ކޮންޓްރޯލުން ނެއްޓިފައިވާ ކަމަށާއި ފިޔަވަޅުތައް ހަރުކަށި ކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެފައި ވަނިކޮށެވެ.
މި ފަހަކަށް އައިސް މާލޭ ސަރަހައްދުން އެވްރެޖުކޮށް ކޮންމެ ދުވަހަކު 100 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެއެވެ.