މާލޭ މަސް މާރުކޭޓު ކުރިމަތީ ޕާކުކޮށްފައި އޮތް ޕިކަޕެއްގައި ސައިކަލުން ޖެހި އެކްސިޑެންޓުވި ކުއްޖާ މަރުވެއްޖެ އެވެ.
މި އެކްސިޑެންޓުގައި މަރުވީ 17 އަހަރުގެ ކުއްޖެކެވެ. ވަން އޮންލައިން އަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ސައިކަލުން ޕިކަޕުގައި ވަރަށް ބާރަށް ޖެހި އެކުއްޖާއަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިފަ އެވެ. އެ ގޮތުން އޭނާގެ ބޮލަށް ވެސް އޮތީ ބޮޑެތި ޒަޚަމްތަކެއް ލިބިފަ އެވެ.
ފުލުހުން މިއަދު ހެނދުނު ބުނި ގޮތުގައި އެކުއްޖާ ފުރަތަމަ ހޮސްޕިޓަލަށް ގެންދިޔަ އިރު އޭނާގެ ވިންދެއްވެސް ނެތެވެ. އެހެން ނަމަވެސް ފަހުން ވަނީ ހޭއަރައިފަ އެވެ. އޭނާ މަރުވީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
މި ދުވަސްވަރު ރާއްޖޭގައި ވަނީ މަގުމަތީގެ އެކްސިޑެންޓުތައް އާދަޔާ ޚިލާފަށް ގިނަވެފަ އެވެ. އަދި އަހަރު ފެށިގެން މިވީ 19 ދުވަސް ތެރޭގައި މަރުތައް ވެސް ގިނަކަން ފާހަގަކުރެވެ އެވެ.