ޚަބަރު

މަޖިލިސް އިންތިހާބުގަ ކުރިއަށް ދާނެ ގޮތަކާމެދު އަންނަނީ މަޝްވަރާ ކުރަމުން: ޕީޕީއެމް

އިބްރާހިމް ޒަކީ

1

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރިއަށް ދާނެ ގޮތަކާމެދު ޕާޓީ ތެރޭގައި މަޝްވަރާކުރަމުން އަންނަ ކަމަށް އިދިކޮޅު ޕީޕީއެމުން ބުނެފި އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރަން، ކޮންމެ ބަޔަކާ އެކު ވެސް ވާހަކަ ދައްކަން ތައްޔާރަށް އޮތް ކަމަށް، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެފައިވާއިރު، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް މަތީން މިއަދު "ވަން އޮންލައިން"އަށް ވިދާޅުވީ ސިޔާސީ ކަންކަމުގައި ޕާޓީން ނިންމާ ކޮންމެ ފަރާތަކާއެކުވެސް ކުރިއަށްދާން ޕީޕީއެމް އޮންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ސިޔާސީ ކަންކަމަކީ ގައުމީ ކަމެއް ކަމަށާއި، އެކަމުގައި ޕީޕީއެމްގެ ޒާތީކަމެއް އެެއްވެސް ފަރާތަކާދޭތެރޭ ނޯންނާނެ ކަމަށެވެ.

"އަޅުގަނޑުމެން މިކުރަނީ ގައުމީކަމެއް، އަޅުގަނޑުމެން ނިންމާ ގޮތަކަށް އެ ނިންމާ ފަރާތަކާއެކު ސިޔާސީ ގޮތުން ކުރިއަށްދާނަން. އެ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ބަޖެޓް ކަންތައްތަކުގައި މިހާރުގެ ސަރުކާރަށްވެސް އޮންނާނީ އެހީތެރިކަން ދީފަ،" މަތީން ވިދާޅުވި އެވެ.

މަތީން އިތުރަށް ވިދާޅުވީ، ރައްޔިތުންގެ އިންތިހާބުގައި ޕީޕީއެމުން ކުރިއަށްދާނެ ގޮތެއް ކަނޑައެޅުމަށް މިއަދުވެސް މަޝްވަރާތައް ބާއްވަމުން ގެންދަވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަށް ނިންމައި، އެމްޑީޕީން އެ ޕާޓީގެ ޕްރައިމަރީ ރޭ ނިންމުމާގުޅިގެން، މަޖިލިސް އިންތިހާބުގެ މައްސަލައިގައި ސަރުކާރު ކޯލިޝަން ތެރޭ ވަނީ ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟