އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށް ގުޅުއްވައިފިއެވެ.
ބޮޑުވަޒީރު މޯދީ، ރައީސް މައުމޫނަށް ގުޅުއްވައި ޑިމޮކްރަސީއަށް ކުރާ މަސައްކަތުގައި ހިތްވަރު ދެއްވުމުން އެކަމަށް ރައީސް މައުމޫން ކުރެއްވި ޓުވީޓަކުން ވަނީ މޯދީއަށް ޝުކުރު ދަންނަވައިފައެވެ.
މޯދީ ވަނީ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމާއެކު އިބޫއަށް ގުޅުއްވައި މަރުހަބާ ވިދާޅުވެފައެވެ. އިބޫ ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ވަނީ ދައުވަތު ވެސް އަރުވައިފައެވެ.
އިބޫއަށް ގުޅުއްވައި މޯދީ ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި އިންޑިއާއާއި ރާއްޖޭގެ ގުޅުން އަލުން ވަރުގަދަ ކުރުމަށް މަސައްކަތް ކޮށްދެއްވުމަށް މޯދީ ވަނީ އިބޫއަށް ދަންނަވައިފައެވެ.