ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފުލެޓްތައް އަންނަ މާޗު މަހުގެ ފަހުކޮޅު ހަވާލުކުރަން ފެށޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ހިޔާ ފުލެޓުތައް ހަވާލުކުރެވޭނެ ތާރީހަކާ ގުޅެގޮތުން "ވަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ހިޔާ ފުލެޓުތަކުގެ ދާއިމީ ލިސްޓު ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީން ނެރެފައިވީ ނަމަވެސް، ފުލެޓުތަކުގެ އެގްރިމެންޓު ހަދައި ފުލެޓުތައް ހަވާލުކުރުމުގެ ކުރިން އަށް ކަމެއް ކަށަވަރުކުރުމަށް އެ ކޮމިޓީން އަންގާފައިވާ ކަމަށެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ، މިކަންކަން ކަށަވަރު ކުރުމަށް ދައުލަތުގެ އެކި މުއައްސަސާތަކާއެކު ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި ސިފައިންނާއި ފުލުހުން އަދި ކުންފުނިތަކުން ހަދާ ފުލެޓްތައް ލިބޭ މީހުން، ހިޔާ މަޝްރޫއުގެ ލިސްޓުގައި ތިބިތޯ ބެލުމަށް އެ މުއައްސަސާތަކާ ހަވާލުކޮށްފައިވާ ކަމަށާއި އަދި އެކަމަށް ތިން ހަފުތާ ނަގާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަބޫލުކުރަނީ ފުލެޓްތައް ހަވާލުކުރަން ފެށޭނީ މާޗް މަސް ނިމެންވާއިރަށޭ. އެހެން ނަމަވެސް ނުއެއް ވަދެވޭނެކަން އަޅުގަނޑަށް އެނގޭ. އެތަނަށް ވަނުމަށްޓަކާ އެއާއެކު ދޭނަން އިތުރު ތިން މަސް. އެތަނުން އަގު ނުނަގާ، އެއީ އެތަނަށް ވަނުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.
ޗައިނާ ސަރުކާރުގެ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އިން ހަދާފައިވާ އެ ފްލެޓްތަކުގެ ފިނިޝިން ނިންމާފައި ނުވާތީ މި ސަރުކާރުން ކުރިން ވަނީ އެ މަސައްކަތްތައް ވެސް ނިންމައި ފްލެޓްތައް ހަވާލުކުރާށެވެ. އަދި އެ މަސައްކަތް ނިންމުމަށް 45 މިލިއަން ޑޮލަރު (695 މިލިއަން ރުފިޔާ)ގެ ލޯނެއް ނަގަން ވެސް ނިންމިއެވެ.
ނަމަވެސް ފްލެޓްތައް ދިނުން ލަސްވެގެން ކުރާ ޝަކުވާތަކާ ގުޅިގެން ކުރީގެ ސަރުކާރުން ނިންމި ގޮތަށް އެތަންތަން ހަވާލުކުރަން ނިންމައި، ފިނިޝިން މަސައްކަތްތަކަށް ނަގަން އުޅުނު ލޯނު ވެސް ވަނީ ނުނަގާ ގޮތަށް ނިންމައިފައެވެ.
ހިޔާ ފުލެޓުތައް އަންނަ މާޗު މަސް ނިމުމުގެ ކުރިން ހަވާލުކުރާނެ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވި އިރު، އެ ފުލެޓްތަކަށް ފެނާއި ނަރުދަމާ ގުޅުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީން ވަނީ ނިންމާލައިފައެވެ. އަދި އެތަންތަނަށް ކަރަންޓުލުމުގެ މަސައްކަތް ސްޓެލްކޯއިން އަންނަނީ ކުރަމުންނެވެ.