ސަތާރަ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަން ނިންމާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.
ޖޭއެސްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ދުނިޔެއަށް ކުރިމަތިވި ކޮވިޑުގެ ބަލިމަޑުކަން ރާއްޖޭގައި ފެތުރެމުންދާތީ، އެބަލި ފެތުރުން ކުޑަކުރުމަށްޓަކައި މާޗް 18، 2020 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އެޅުއްވި ހާއްސަ ފިޔަވަޅުތަކުގެ ތެރޭގައި މާޗް 19، 2020 އިން ފެށިގެން ސަރުކާރު ބަންދު ކުރަން ނިންމަވައި ނެރުއްވި ދެންނެވުމުގައި ސަރުކާރު ބަންދުކުރާ މުއްދަތުގައި މެދުކެނޑުމެއްނެތި ރައްޔިތުންނަށް ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަނޑައެޅުއްވި އިދާރާތަކުގެ ތެރޭގައި އަދުލު އިންސާު ގާއިމުކުރުމުގެ ބާރުގެ ހިދުމަތާއި ކޯޓުތަކުގެ ހިދުމަތް ހިމަނުއްވާފައިވާ ކަމަށެވެ.
އަދި އެ ދެންނެވުމާ ގުޅިގެން ރައްޔިތުންނަށް ކޯޓުތަކުން ލިބޭ ހިދުމަތްތައް މެދުނުކެނޑޭނެ ގޮތަށް ފޯރުކޮށްދިނުމަށް ދަންނަވައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންނާއި އެކޮމިޝަނުން ނެރުނު ދެ ސާކިއުލާއަކާ ހިލާފަށް 17 ފަނޑިޔާރަކު އަމަލުކޮށްފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
އެ 17 ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީން ތަހުގީގު ކުރަނީ އެ ކޮމިޝަނުން އިސްނަގައިގެން ބަލާ މައްސަލައެއްގެ ގޮތުގަ އެވެ. އަދި އެ މައްސަލަތައް ތަހުގީގުކުރާނެ ކޮމިޓީ މިދިޔަ މަހު ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.