ޕާޓީގެ އެންމެ މަތީ މަސްލަހަތަކީ ކޯލިޝަންގެ ވެރިކަން ދެމެހެއްޓުން ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
އެމްޑީޕީއާއެކު އޮތް ކޯލިޝަން ރޫޅާލައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދަން ތައްޔާރަށް ހުންނެވި ކަމަށް ގާސިމް އިބްރާހީމް ވިދާޅުވުމާ ގުޅިގެން އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ނަޒީރު ވިދާޅުވީ އެޕާޓީން މަޖިލިސް އިންތިޚާބުގައިވެސް ކުރިއަށް ދާނީ ކޯލިޝަނަށް ބުރޫ ނާރާނެ ގޮތަކަށް ބަލައިގެން ކަމަށެވެ.
އަދި ގާސިމްގެ އެވާހަކަތަކާ ގުޅިގެން ޕާޓީ ތެރޭގައި މަޝްވަރާކޮށް ގޮތެއް ނިންމާނެ ކަމަށް ނަޒީރު ވިދާޅުވިއެވެ.
ނަޒީރު ވިދާޅުވީ މަޖިލީހަށް ވާދަކުރުމުގައި ދެކަމަކަށް ބަލާނެ ކަމަށެވެ. އެގޮތުން ޕާޓީއަށް އެންމެ މަސްލަހަތު ބޮޑުވާނެ ގޮތަކާއި އަދި ސަރުކާރު ދެމެހެއްޓުމަށް މަސައްކަތް ކުރެވޭނީ ކޮން ގޮތަކަށްތޯ ބަލާނެ ކަމަށް ނަޒީރު ވިދާޅުވިއެވެ.