އައްޑޫ ސިޓީގެ ހުޅުމީދޫ ފިޔަވައި، އެހެން ރަށްރަށުގެ ކާފިއު އުވާލައިފިއެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިިމޫނާ އަބޫބަކުރު ސޮއިކުރައްވައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ނެރުނު އެންގުމުގައި ބުނެފައިވަނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީ ހުޅުމީދޫގައި ހަތް ދުވަހަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އަންގާ ކަމަށެވެ.
މުޅި އައްޑޫގައި މީގެ ކުރިން ދެ ހަފްތާއަށް އެޅި ފިޔަވަޅުތައް މިއަދަށް ހަމަވުމުން ހުޅުމީދޫ ފިޔަވައި އެހެން ރަށްރަށުގެ ކާފިއު ވަނީ އުވާލައިފައެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ، ހުޅުމީދޫގައި ފިޔަވަޅުތައް ވަރުގަދަ ކުރީ އެ ރަށުން އަލަށް ހަ މީހަކު ޕޮޒިޓިވްވުމުން ކަމަށެވެ.
"ހުޅުމީދޫގައި އަލަށް މިވަނީ ހަ މީހުން ޕޮޒިޓިވްވެފައި. ހުޅުމީދޫގައި 6 ފެބްރުއަރީން 18 ފެބްރުއަރީއަށް އަޅުގަނޑުމެންނަށް މިހާތަނަށް އެކްޓިވް ސާވައިލަންސްގެ ގޮތުގައި 211 ފަރާތެއް ސާމްޕަލް ނެގުން. އަދި އޭގެ ތެރެއިން 21 ފެބްރުއަރީގައި އެއް ފަރާތެއް މިވަނީ ޕޮޒިޓިވްވެފައި. ކޮންޓެކްޓް ސާމްޕަލްގެ ގޮތުގައި 23 ސާމްޕަލް ނެގުނުއިރު އޭގެ ތެރެއިން ހަތް ސާމްޕަލެއް މިވަނީ ޕޮޒިޓިވްވެފައި. އެހެންކަމުން ހުޅުމީދޫގެ ކޭސްތައް މިވަނީ އަށަކަށް އަރާފައި،" ނާސިރު ވިދާޅުވިއެވެ.
އައްޑޫ ސިޓީން މިހާތަނަށް ދެ ކްލަސްޓާއެއް ވަނީ އުފެދިފައެވެ. އެއީ ހުޅުމީދޫގައި ބިދޭސީން މަސައްކަތްކުރާ ސައިޓަކުން ފެނުނު ކްލަސްޓާއާއި ހިތަދޫން އުފެދުނު ކްލަސްޓާއެވެ.