އަޅުގަނޑުމެން އެންމެންވެސް ޕާޓީ މަސްލަހަތަށް ވުރެ ގައުމީ މަސްލަހަތު އިސްކުރުމަށް ގޮވައިލައްވާ ކަމަށާއި ހަތަރު ޕާޓީ ގުޅިގެން ކޯލިޝަނެއް އުފެއްދީ އިންސާފުވެރި ހެޔޮވެރިކަމެއް ގާއިމުކޮށް ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށްދިނުމަށް ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ އެމަނިކުފާނު މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގަ އެވެ.
ރައީސް މައުމޫނު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، 4 ޕާޓީ ގުޅިގެން ކޯލީޝަން އުފެއްދީ، އިންސާފުވެރި ހެޔޮ ވެރިކަމެއް ގާއިމް ކޮށް ރައްޔިތުންގެ އުއްމީދުތައް ހާސިލް ކޮށްދިނުމަށް ކަމަށާއި، "ވީމާ އަޅުގަނޑުމެން އެންމެންވެސް ޕާޓީ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކުރުމަށް އަޅުގަނޑު ނުހަނު އިހްލާސްތެރިކަމާއެކު ގޮވާލާން،" ކަމަށެވެ.
ސަރުކާރު ކޯލިޝަން ވަރުގަދަކޮށް، ރޫޅުނަ ނުދީ ދެމެހެއްޓުމަކީ ގައުމީ ވާޖިބެއް ކަމަށްވެސް ރައީސް މައުމޫނު ވަނީ ވިދާޅުވެފަ އެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވެ ފައިވަނީ ''ކޯލިޝަން ވަރުގަދަކޮށް، ރޫޅުނަ ނުދީ ދެމެހެއްޓުމަކީ އަޅުގަނޑުމެންގެ ގައުމީ ވާޖިބެއް. މިކަމުގައި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއާ ހަތަރު ލީޑަރުންގެ މަސްއޫލިއްޔަތު ވަރަށް ބޮޑު.'' ކަމަށެވެ.
ރައީސް މައުމޫން މިހެން ވިދާޅުވި އިރު، އެމްޑީޕީގެ ޕްރައިމަރީ އަށްފަހު ޕާޓީގެ ހަރުގޭގެ ކުރިމަތީގައި ހުންނަވައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހު ވިދާޅުވީ ކޯލިޝަން، ވެރިކަމަށް ގެނައުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވީ އެމްޑީޕީގެ މެންބަރުން ކަމަށެވެ.
އަދި ކޯލިޝަންގެ އެއް ލީޑަރު ކަމަށްވާ ގާސިމް އިބްރާހީމް އިއްޔެ ކުރެއްވި ޓުވީޓަކާ ގުޅިގެން، ޖޭޕީ ކޯލިޝަނުން ވަކިވާން އުޅޭ ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ.
ގާސިމް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވަނީ އެމްޑީޕީއަށް ވެރިކަން ލިބުމުން ޖޭޕީ މަގުމައްޗަށް ނެރެ އެއްލާލާފައި ވާތީ ޖޭޕީ އާއި ގުޅިގެން މަޖިލީހަށް ކުރިމަތިލުމަށް ހުރިހާ ފަރާތްތަކާ ވާހަކަ ދައްކަން ޖޭޕީ ތައްޔާރަށް އޮތް ކަމަށެވެ.