ޚަބަރު

ރާއްޖެއަށް އިތުރު 100،000 ޑޯޒްގެ ވެކްސިން ހަދިޔާކުރަން ނިންމުމުން ރައީސްގެ ޝުކުރު އިންޑިއާއަށް

އަލީ ޔާމިން

އިންޑިއާ ސަރުކާރުން އިތުރު 100،000 ޑޯޒްގެ ކޮވިޑު ވެކްސިން ރާއްޖެއަށް ހަދިޔާ ކުރަން ނިންމުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި އެގައުމުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.

އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމަށް، ރައީސް ސޯލިހު ޝުކުރު އަދާކުރެއްވީ، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަބާނިއަމް ޖައިޝަންކަރާއެކުގައި މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަބާނިއަމް ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ވަނީ، ކޮވިޝީލްޑް ވެކްސިންގެ އިތުރު އެއްލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާކުރުމުގެ ރަމްޒީ ފިލާ ރާއްޖެއަށް ހަދިޔާކޮށްފައެވެ. ރާއްޖޭގެ ފަރާތުން ފިލާއާ ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.

ރާއްޖޭގައި މިހާރު ދެމުން އަންނަނީ ވެސް އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ވެކްސިނެވެ. އެއް ލައްކަ ޑޯޒްގެ އެ ޝިޕްމެންޓް ރާއްޖެ ގެނެސްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. އަދި މިމަހުގެ އެކަކުން ފެށިގެން މިހާތަނަށް 70،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ.

އިންޑިއާގެ ސިރަމް އިންސްޓިޓިއުޓްގައި އުފައްދާ އޮކްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޝީލްޑް ވެކްސިން ބޭނުންކުރުމުގެ އެމަޖެންސީ ހުއްދައެއް ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ވެސް މިހާރު ވަނީ ދީފިއެވެ.

އިންޑިއާ އިން މިހާރު ދީފައިވާ އެއް ލައްކަ ޑޯޒް ހުސްވަންދެން ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމާފައިވާއިރު، ރާއްޖޭގައި ދެވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯޒް ޖަހާތާ، އަށް ހަފްތާ ފަހުންނެވެ.