މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕީޕީއެމްގެ ގައުމީ ޖަލްސާއަކީ ސައްހަ ޖަލްސާއެއް ނޫން ކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިލެކްޝަންސް ކޮމިޝަނަށް ޚާއްސަ ސިޓީއެއް ފޮނުއްވައިފިއެވެ.
ރައީސް މައުމޫންގެ ސިޓީގައި ވަނީ ހޮނިހިރު ދުވަހު ގައުމީ ޖަލްސާ ބޭއްވީ ޕާޓީގެ އަސާސީ ގަވާއިދުގެ 33 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ސަބަބެއް މެދުވެރިވެފައި ނުވާ ހާލަތެއްގައި ކަމަށެވެ.
"އެ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ޙާލަތެއް މެދުވެރިނުވާނަމަ ދެން ޚާއްސަ ގޮތުން ބާއްވާ ޤައުމީ ޖަލްސާއެއް ބޭއްވެން ޤަވާއިދު ޖާގަދެނީ ޕާޓީގެ ކައުންސިލުން އެގޮތަށް ފާސްކޮށްގެންނެވެ،" ރައީސް މައުމޫންގެ ސިޓީގައިވެއެވެ.
ރައީސް މައުމޫންގެ ސިޓީގައި ވަނީ މިހާރު ހަރަކާތްތެރިވަމުންދާ ޕީޕީއެމްގެ ކައުންސިލްއަކީ އަސާސީ ގަވާއިދުގެ ދަށުން ސައްހަ ކައުންސިލްއެއް ނޫން ކަމަށެވެ.
"ކައުންސިލްގެ ދައުރަކީ ފަސް އަހަރު ދުވަސްކަން އަސާސީ ޤަވާއިދުގެ 81 ވަނަ މާއްދާއަށް ބެލުމުން އެނގެއެވެ. ވީމާ، އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ކައުންސިލް ވަނީ ޖެނުއަރީ 2018 ގެ ނިޔަލަށް އުވިފައެވެ،" ރައީސް މައުމޫންގެ ސިޓީގައިވެއެވެ.
މީގެ އިތުރުން ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބޭއްވެން އަންނަނީ ވެސް ޕާޓީގެ ރައީސްގެ ބެއްލުމުގެ ދަށުން ކަމަށްވާއިރު، އެމަނިކުފާނު ޕާޓީގެ ރައީސްކަމުން އެމަނިކުފާނު ވަކިކޮށްފައި ވަނީ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
"އެކަމުގެ ޝަކުވާ ތިޔަ ކޮމިޝަނަށް މީގެ ކުރިންވެސް ވާނީ ހުށަހެޅިފައެވެ. އަދި، މިދެންނެވި ޤައުމީ ޖަލްސާއަކީ ޕްރޮގްރޮސިވް ޕާޓީ އޮފް މޯލްޑިވްސް އިން 2013ގައި ބޭއްވި ގައުމީ ޖަލްސާ އިން އިންތިޚާބުކޮށްފައިވާ އިންތިޚާބީ ކޮމިޓީގެ އެއްވެސް ބައިވެރިވުމެއްނެތި ކުރިއަށްގެންދިޔަ ޤައުމީ ޖަލްސާއެއްކަމުގައި ދަންނަވަމެވެ،" ރައީސް މައުމޫންގެ ސިޓީގައިވެއެވެ.
އެ ޖަލްސާއަކީ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ކުރިއަށްގެންދާ ޖަލްސާއެއްކަމުން ޕާޓީގެ ގިނަ ގޮފިތަކެއްގެ ރައީސުންގެ ޝަކުވާ ވަނީ އިންތިޚާބު ކޮމިޓީއަށް ލިބިފައި ކަމަށް ވެސް އެމަނިކުފާނުގެ ސިޓީގައިވެއެވެ.
"އެގޮތުން ޤައުމީ ޖަލްސާއަށް ފޮނުވާނެ މީހުން ގޮފިތަކުން ހޮއްވަވާފައި ނުވުމާއި، ގިނަ ގޮފިތަކަށް ޤައުމީ ޖަލްސާ ބާއްވާކަން އަންގާފައިނުވާކަމުގެ ޝަކުވާ ލިބިފައި ވެއެވެ،" ރައީސް މައުމޫންގެ ސިޓީގައިވެއެވެ.
"އަދި ދަންވަމެވެ. މިދެންނެވި ޖަލްސާގައި ޕާޓިގެ ގިނަމަގާމް ތަކަކަށް އެތައް ބަޔަކު އިންތިޚާބް ވެގެން ދިޔައިރު މިފަދައިން ތިޚާބެއް އޮންނާނެ ކަމެއް ކުރިން އިޢުލާން ކުރެވިފައި ނުވުމާ އެކު މުހިންމު މަޤާމު ތަކަށް މެންބަރުން ކުރިމަތިލުމާއި ކެންޕެއިން ކުރުމުގެ ފުރުސަތުގެއްލި މަޤާމުލިބުމުގެ ފުރުސަތު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ވަރަށް ގިނަ އަދަދެއްގެ މެންބަރުންނަށްވަނީ ގެއްލިފައެވެ،"
އަސާސީ ގަވާއިދާ ޚިލާފަށް ގައުމީ ޖަލްސާ ބޭއްވުމަކީ ޕީޕީއެމްގެ މެންބަރުންގެ ހައްގުތައް ގެއްލި، އެމެންބަރުންނަށް ވަރަށްބޮޑު ނިކަމެތި ކަމެއް ލިބުނު ކަމެއް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
"އެހެންކަމުން ނިމިދިޔަ ގައުމީ ޖަލްސާ އަކީ ކަނޑައެޅިގެން އަސާސީ ޤަވާއިދާ އަދި ޕާޓީގެ އިންތިހާބު ތަކާއި ބެހޭ ގަވާއިދާ އެހެނިހެންވެސް ގަވާއިދު ތަކާއި ޕާޓިގެ އުސޫތަކާއި ހިލާފަށް ބޭއްވި ޖަލްސާއެއް ކަމުގައި ދަންނަވަމެވެ. ވީމާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން 28 ސެޕްޓެމްބަރ 2018 ގައި ބާއްވާފައިވާ ކުއްލި ގައުމީ ޖަލްސާގައި ނިންމާފައިވާ އެންމެހާ ކަންކަން ތިޔަ ކޮމިޝަނުން ބަލައިގަތުމުގެ ކުރިން މަތީގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިޢާއަތް ކޮށްދެއްވުން އެދި ދަންނަވަމެވެ،" ރައީސް މައުމޫންގެ ސިޓީގައިވެއެވެ.