ޚަބަރު

ތަހުގީގީ އިދާރާއަކަށް ހުށަހެޅި އެއްވެސް މައުލޫމާތެއް ނަގާފައެއް ނުވާނެ: އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފައިނޭންޝަލް ފައިނޭންޝަލް އިންޓެލިޖަންސް ޔުނިޓް (އެފްއައިޔޫ)އިން ތަހުގީގީ އިދާރާއަކަށް ހުށަހެޅި އެއްވެސް މައުލޫމާތެއް އަނބުރާ ނަގާފައިނުވާނެ ކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.

އެފްއައިޔޫއަކީ ގޫނޫނު ނަންބަރު 10/2014 މަނީ ލޯންޑަރިންއިން ޓެރަރިޒަމްއަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން އުފެދިފައިވާ ޔުނިޓެކެވެ. އެ ޔުނިޓަކީ މަނީ ލޯންޑަރިންގެ ހަރަކާތްތަކާއި ޓެރަރިޒަމްއަށް ފައިނޭންސް ކުރުމުގެ ހަރަކާތްތަކާއި ކުށްކޮށްގެން ހޯދާ މުދަލާ ގުޅޭ މައުލޫމާތު ހޯދާ ދިރާސާކޮށް، ތަހުގީގީ އަދި ތަންފީޒީ އިދާރާތަކަށް ފޯރުކޮށްދޭ ގައުމީ މައި އިދާރާއެވެ.

އެމްއެމްއޭއިން ބުނީ އެ ޔުނިޓާ ހަވާލުކޮށްފައިވާ މަސައްކަތްތަކާއި ޒިންމާތައް އުފުލުމުގައި ޕްރޮފެޝަނަލް އެންމެ މަތީ މިންގަނޑުގައި ދެމިތިބޭނެ ކަމަށާއި ގާނޫނު ވުޖޫދަށް އައުމާއެކު އެ ގާނޫނުގެ ދަށުން މިއަދާ ހަމައަށް އެ ޔުނިޓުން 137 ރިޕޯޓެއް ދިވެހިރާއްޖޭގެ އެކިއެކި ތަހުގީގީ އިދާރާތަކާ ހިއްސާކުރެވިފައިވާނެ ކަމަށެވެ. އަދި މިހާތަނަށް ތަހުގީގީ އިދާރާއަކަށް އެ ޔުނިޓުން ހިއްސާކުރި އެއްވެސް ސިޓީއެއް، ރިޕޯޓެއް އަދި އެފަދަ އެއްވެސް މައުލޫމާތެއް އަނބުރާ ނަގާފައިނުވާނެ ކަމަށެވެ.

ތަހުގީގީ އިދާރާއަކަށް ހުށަހެޅި އެއްވެސް މައުލޫމާތެއް އަނބުރާ ނަގާފައިނުވާނެ ކަމަށް އެމްއެމްއޭއިން ބުނެފައިވާ އިރު، 1.5 މިލިއަން ޑޮލަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އެކައުންޓަކަށް ޖަމާކުރިކަމުގެ ލިޔެކިޔުންތައް ފުލުހުންނަށް އެފްއައިޔޫއިން ހުށަހެޅި ނަމަވެސް އެ ލިޔެކިޔުންތައް އަނބުރާ ނަގާފައިވާނެ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފައެވެ.

"އެމްއެމްއޭގެ އެފްއައިޔޫއިން ސިޓީއެއް ފުލުހުންނަށް ދިޔަ ހަބަރު ރައީސްއަށް ލިބިވަޑައިގަތުމުން އެކަމާ ބެހޭ މައުލޫމާތު ހޯއްދެވުމަށް އެމްއެމްއޭގެ ގަވަރުނަރަށް ރައީސް ގުޅުއްވި. އަދި އެފްއައިޔޫ އިން ސިޓީއެއް ފުލުހުންނަށް ފޮނުވާފައިވަނީ ގަވަރުނަރަށް އެނގިވަޑައިގެން ނޫން ކަމަށާއި އެ ސިޓީގައި ހުރި ވާހަކައިން ރައީސް ގާނޫނާ ހިލާފު ވެފައިވާ އެއްވެސް ކަމެއް އެނގެން ނެތުމުން އެ ސިޓީ އަނބުރާ ނަގާފައިވާ ކަމަށް ގަވަރުނަރު ވިދާޅުވި،" މިއަދު މުއާޒް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ އެމްއެމްއޭގެ ފަރާތުން އެ ވާހަކައިގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމަށް ރައީސް އެދިވަޑައިގެންނެވި ކަމަށާއި އެހެންކަމުން މި ދެކެވޭ ވާހަކައިގެ ތަފްސީލީ މައުލޫމާތު ދިވެހި ރައްޔިތުންނާ ހިއްސާކުރާނެ ކަމަށެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަކަށް ރިޔާސީ އިންތިހާބާ ދިމާކޮށް، މިދިޔަ މަހު އިންތިހާބުގެ ކުރިން ދެ ފަހަރެއްގެ މަތިން ޖުމްލަ 1.5 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ. އަދި ފަހުން އެ ފައިސާތައް ނެގި ކަމަށް އެފްއައިޔޫގެ ލިޔެކިޔުންތަކާ ހަވާލާދީ އަލްޖަޒީރާއިން ބުނެއެވެ.