ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ޓަކައި ރައްޔިތުުންގެ މަޖިލީހުގައި އެމްޑީޕީގެ ބޮޑު ބައެއް އޮންނަން ޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. މިއީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮންނަން ޖެހޭނެ ކަމަށް ރައީސް ސޯލިހު ފާޅުގައި ވިދާޅުވި ފުރަތަމަ ފަހަރެވެ.
ކުރީން ރައީސް ސޯލިހު މުޅީން ވެސް ވިދާޅުވެފައި ވަނީ މަޖިލީހުގައި ސަރުކާރަށް ތާއީދު ކުރާ މެޖޯރިޓީއެއް އޮވެގެން ނޫނީ ވައުދުތައް ފުއްދަން ފަސޭހަފުޅު ނުވާނެ ކަމަށެވެ. ހަމަ އެކަނި އެމްޑީޕީއަށް ބޮޑު ބައެއް އޮންނަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައެއް ނުވެ އެވެ.
އެމްޑީޕީ ހަރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކުރީގެ އޮތް ވެރިކަން ބަލިކޮށް އާ ވެރިކަމެއް ގެނައީ ރައްޔިތުންގެ ވަރަށްގިނަ ފޮނި އުއްމީދުތަކަކާއެކުގައި ކަމަށެވެ.
"އެދޭ އެދުންތަކެއް ރައްޔިތުންގެ އެބަހުރި. މިކަންތައްތައް އަޅުގަނޑުމެންނަށް ހާސިލުކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތެއް، ތާއީދު މި ސަރުކާރަށް އޮވެގެން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވަނީ އެމްޑީޕީގެ ޕްރައިމަރީގައި މަސައްކަތް ކުރި ހުރިހާ މެންބަރުންނަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ.