އިބްރާހިމް ޒަކީ
ރާއްޖޭގައި ކުރާ ވިޔަފަރިތަކުން ލިބޭ ފައިސާގެ ބޮޑު ބައެއް ރާއްޖޭގެ ބޭންކުތަކަށް ވަންނަމުން ނުދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ ގާރާރު ހުށަހެޅުއްވީ، މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫނެވެ.
މި ގަރާރުގައި ބުނެފައިވަނީ، ކޮވިޑުގެ ސަބަބުން ރާއްޖެފަދަ ޖަޒީރާ ގައުމަކަށް އިގުތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ މި ދަތިކަމުން އަރައިގަނެ އިގުތިސާދީ ގޮތުން އަދި ތަރައްގީގެ ގޮތުން ރާއްޖެ ކޮޅަށް ޖެހުމުގެ މުހިއްމުކަން އިންތިހާއަށް ބޭނުން ވެފައިވާ މި ދަނޑިވަޅުގައި، ރާއްޖޭގައި ކުރެވޭ އެކިއެކި ވިޔަފާރިތަކުން ލިބޭ ފައިސާ ނުވަތަ އާމްދަނީގެ ބޮޑުބައެއް ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގަމުން އަންނަ ބޭންކުތަކަށް ނުވަންނަ ކަމަށެވެ.
އެގޮތުން ރާއްޖޭން ބޭރުގެ ބޭންކުތަކުގެ ޕީއޯއެސް ރާއްޖޭގައި މިހާރު ބޭނުން ކުރަމުންދާ ކަމަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ހަދާ ބުކިންތަކުގެ ފައިސާ ވެސް ރާއްޖޭން ބޭރުގެ ބޭންކުތަކަށް ޖަމާކުރަމުން އަންނަކަން ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. އަދި އޭގެ ސަބަބުން ރާއްޖޭގައި ކުރާ ވިޔަފާރިތަކުން ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބެންޖެހޭ ފައިސާ ވެސް ދައުލަތައް ގެއްލިގެންދާ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.
އެހެންކަމުން ރާއްޖޭގެ ވިޔަފާރިތަކުން އުފެދޭ އާމްދަނީއަކީ ރައްޖޭގެ ފައިނޭންޝަލް ސިސްޓަމަށް ވަންނަ ފައިސާކަން ކަށަވަރު ކުރެވޭނެ ގޮތަށް އެކަމާގުޅޭ އުސޫލުތައް ކަމާގުޅޭ މުއައްސަސާތަކާއި އިދާރާތަކުން މުރާޖައާކުރުމަށް މިގަރާރުގައި ވަނީ ގޮވާލައިފައެވެ.
އެކަމަށްޓަކައި މިހާރު ހުރި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމާއި އިތުރު ގާނޫނުތަކެއް ހަދަންޖެހޭނަމަ އެ ގާނޫނުތައް ހެދުމުގެ މުހިއްމުކަން ފާހަގަކޮށް އެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ކަމާބެހޭ އެންމެހާ މުއައްސަސާތަކާއި އިދާރާތަކަށް ވެސް އެ ގަރާރުގައި ވަނީ ގޮވާލައިފަ އެވެ.