އިސް ޕާޓީތަކުގެ ލީޑަރުންގެ ދައުރަކަށް ވާންވާނީ ކުރިއަށް އޮތް މަޖިލީސް އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕްރައިމަރީ އިންތިހާބުގައި ވޯޓުލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އިންތިހާބަށް ތައްޔާރުވާ އިރު ޕްރައިމަރީ ނިމުމާއެކު އިސް ލީޑަރުންގެ ދައުރަކީ ފަރާތްތައް އެއްޔަންކުރުން ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ކޮންމެ ޕްރައިމަރީއަކާ އެކީގައި ވާދަވެރި ފަރާތްތަކެއް މިއުޅެނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ހިނގަމުންދާ ޑިމޮކްރަސީގެ ހަރަކާތަކީ ވަރަށް މުހިއްމު ހަރަކާތެއް ކަމަށާއި ކުރިއަށް އޮތް އިންތިހާބުގައި އެކަންތައް ފެނިގެންދާނެ ކަމަށެވެ.